ރާއްޖޭގެ މަޝްހޫރު މިއުޒިކީ ފަންނާނު މުޙައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ތަޢުޒިޔާގެ ޕޯސްޓުގައި ރައީސް ވިދާޅުވީ މެޒޯ މުޙައްމަދަކީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި، ދިވެހި އަމިއްލަ ފަންނީ އުފެއްދުންތައް އުފެއްދެވުމުގައިވެސް މަޤުބޫލު ހުނަރުވެރިކަން ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ.
އަދި މެޒޯ މުޙައްމަދު ނިޔާވުމުގެ ހިތާމާގައި ބައިވެރިވެވަޑައިގެން މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކުރައްވާކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
إِِنَّا لِلَّٰهِ وَإِنَّـا إِلَيْهِ رَاجِعُوْنَ
ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާ، މުޙައްމަދު މާޖިދު (މެޒޯ… pic.twitter.com/pUNByzY7Mp
— Dr Mohamed Muizzu (@MMuizzu) February 12, 2025
މުޙައްމަދު މާޖިދު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ފަރުވާދިނީ ހާޓް އެޓޭކެއް ޖެހިގެންކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މެޒޯ ބޭންޑުގެ ނަމުގައި މަޝްހޫރުވި ބޭންޑުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި މޯޑްއަކީ 1970 ގެ ކުރީ ކޮޅުން ފެށިގެން ދިވެހި މިއުޒިކު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.
މިއުޒިކުގެ ދާއިރާއަށް އޭނާ ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުން 2010 ވަނަ އަހަރު ޕާފޯމިން އާޓްސްގެ ދާއިރާއިން ލަވަކިޔުމާއި މިއުޒިކު ކުޅުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދިވެހި ސަރުކާރުން ދެއްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން