ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ ޖަނަވަރީމަހު ދައުލަތަށް 3.34 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން ޖަނަވަރީ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 125.49 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު %7.7 ދަށް އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ %5 އިތުރު އަދަދެކެވެ.
ޖަނަވަރީ 2024 އާ އަޅާބަލާއިރު މިދިޔަ މަހުގެ އާމްދަނީ ދަށްވެފައިވަނީ ބޭންކް އިންކަމް ޓެކްސް އަދި ކޯޕަރޭޓް އިންކަމް ޓެކްސް ދަށްވުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ކޯޕަރޭޓް އިންކަމް ޓެކްސްގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކަށް ވުމުން، ޓެކްސް ދައްކަންޖެހޭ ސުންގަޑި 2 ފެބުރުވަރީ 2025 އަށް އިތުރުކުރުމުގެ ސަބަބުން މިދިޔަ މަހުގެ އާމްދަނީ ދަށްވި ކަމަށްވެސް މީރާއިން ބުނެއެވެ.
އެހެންނަމަވެސް، މި މުއްދަތުގައި ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވުމާއި، 1 ޑިސެންބަރު 2024 އިން ފެށިގެން އެއާޕޯޓު ޓެކުހާއި ފީގެ ރޭޓު އިތުރުކުރުމާ ގުޅިގެން މިދިޔަ މަހު މި ޓެކުހުން ލިބުނު އާމްދަނީ އިތުރުވި ކަމަށްވެސް މީރާއިން ހާމަކުރެއެވެ.
މީގެ އިތުރުން މިދިޔަ މަހަށް އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވެފައި ވަނީ ޖީޖީއެސްޓީ އާއި ޓީޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އާއި ވޯކް ޕާމިޓް ފީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. އަދި، އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑި އިތުރުކުރެވުނު ނަމަވެސް، ގަވާއިދުން ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވެފައިވުމަކީވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނެއެވެ.
މިއާއެކު، މިދިޔަ މަހަށް ލަފާކުރި ވަރަށްވުރެ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %2 އިތުރުވުމުގެ ސަބަބުން ފަތުރުވެރިކަމާ ގުޅޭ ދާއިރާތަކުން ލިބުނު އާމްދަނީވެސް މިދިޔަ މަހު ވަނީ އިތުރުވެފައެވެ. އަދި، މިދިޔަ މަހުގެ އާމްދަނީގެ %11 އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މީގެ ސަބަބުންވެސް މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ %47.7 ނުވަތަ 1.59 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްގެ ގޮތުގައެވެ. އެއީ %35.8 ނުވަތަ 1.19 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 115.39 މިލިއަން ރުފިޔާ (%3.5)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 113.49 މިލިއަން ރުފިޔާ (%3.4)، ގްރީން ޓެކުހުގެ ގޮތުގައި 108.26 މިލިއަން ރުފިޔާ (%3.2)، އަދި ޓޫރިޒްމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ (%2.0) ލިބިފައިވެއެވެ.
މި ލިޔުން ކިޔާލުމުން