ދިވެހި ސަރުކާރާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ސަރުކާރާ ދެމެދު ވެފައިއޮތް ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުން އާކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2025 ގެ ހަވާސާގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުالله ފަޔާޟެވެ. އަދި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ކެބިނެޓް އެފެއާޒް ފޮރ ކޮމްޕެޓިޓިވްނަސް އެންޑް ނޮލެޖް އެކްސްޗޭންޖް، ޢަބްދުﷲ ނަޞީރު ލޫތާއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ މަޤުޞަދަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕުރޮގުރާމު (ޖީ.އީ.އީ.ޕީ) ގެ ދަށުން ޔޫއޭއީގެ ތަޖުރިބާ ބަދަލުކޮށް ހިއްސާކުރުމުގެ ތެރެއިން ދިވެހި ސަރުކާރުގެ މަސައްކަތުގެ ނިޒާމާއި ތަޖުރިބާތަކުގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ހިންގޭ ޕުރޮގުރާމުތަކުގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިކުރުމަށް ފުރުޞަތު ފަހިކޮށްދެވޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ވޭތުވެދިޔަ ތިން އަހަރުވެސް ރާއްޖެއިން ވަނީ ޔޫއޭއީ ސަރުކާރުގެ ޖީ.އީ.އީ.ޕީގައި ބައިވެރިވެފައެވެ. މި ޕުރޮގުރާމު ފަރުމާކުރެވިފައިވަނީ ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އުނގެނުމާއި އީޖާދީ މުހިންމު އެކިއެކި ކަންކަމުގެ މައްޗަށެވެ.
ޖީ.އީ.އީ.ޕީގެ ދަށުން މިހާތަނަށް ހިންގުނު ހަތަރު ތަމްރީނު ޕްރޮގްރާމެއްގައި ސަރުކާރުގެ 128 މުވައްޒަފުން ތަމްރީނު ކުރެވިފައިވާއިރު މީގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މި ލިޔުން ކިޔާލުމުން