ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޖޭ ކުންފުނިން އިމާރާތް ކުރަމުންދާ މިސްކިތުގެ މަސައްކަތް މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގެ ކޮންކްރީޓް އާރޗްތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މިސްކިތުގެ މަސައްކަތް މި ޑިސެންބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވަނީ އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތްތައް ނިމޭނެ ކަމަށް ލަފާކުރާ ތާރީޚުތައް އާންމުކޮށްފައެވެ.
މިގޮތުން ފެޑޯ ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކުރާ މިސްކިތުގެ ކޮންކްރީޓް މަސައްކަތް މިހާރު ކުރިއަށްދާއިރު، މިސްކިތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މީގެ އިތުރުން ބެޗް ކޮންސްޓްރަކްޝަނުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތްވެސް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އެ މިސްކިތުގައި މިހާރު ކުރިއަށްދަނީ ސިމެންތި ޖެހުމުގެ މަސައްކަތެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި ސަންފްރޮންޓުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ މާރިޗު 2026 ގައެވެ.
ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތްތަކުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ އަޙްމަދު ސަލީމް އަދި ޙަފީޒާ އަޙްމަދުގެ ފަރާތުން އިމާރާތްކުރަމުންދާ މިސްކިތް ކަމަށާއި، މި މިސްކިތުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ހުޅުމާލެއާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް، މިސްކިތްތަކުގެ މަސައްކަތްކުރާ ފަރާތްތަކާއި ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން