ކުށުގެ ވެއްޓަށް މަގުފައިވާ ގޮތަށް މާލެއާއި ވިލިމާލޭގެ ފަޅުގައި ޤަވާއިދާ ޚިލާފަށް އަޅާފައި އޮތް ހަތަރު އުޅަނދެއްގެ ނަން މާލެ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
މިހަތަރު އުޅަނދަކީ ބަލަހައްޓާނެ ޒިންމާދާރު ފަރާތެއްނެތި އެއްގޮތަކަށް ވެސް ދަތުރުނުކޮށް ގިނަދުވަސްތަކެއް ވަންދެން ފަޅުތެރޭ އެކި ސަރަހައްދުތަކުގައި އަޅާފައިހުރި އުޅަނދުފަހަރު ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ރަޖިސްޓްރީ ނަންބަރު އެއްގޮތަކަށް ވެސް ނުޖަހާހުރި މި އުޅަނދުފަހަރުގެ ސަބަބުން ފަޅުގެ ޤަވާއިދާ އެއްގޮތަށް ހުއްދަނަގައިގެން ފަޅު ބޭނުންކުރައްވާ ފަރާތްތަކަށް ދަތިވަމުންދާކަމުގެ ޝަކުވާ ކައުންސިލަށް އާއްމުން ދަނީ ހުށަހަޅަމުންނެވެ.
އެ ހަތަރު އުޅަނދަކީ މާލެ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރީ އަޅާފައި އޮތް މުނިމާ ނަމަކަށް ކިޔާ ރަޖިސްޓަރ ނަންބަރ (P4020B.01.01 ) އުޅަނދާއި ، މާލެ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރީ އަޅާފައި އޮތް އުންމީދު ނަމަކަށް ކިޔާ ރަޖިސްޓަރީ ނަންބަރ ( P4034A.01.10N ) އުޅަނދުގެ އިތުރުން ރަޖިސްޓަރީ ނަންބަރ އާއި ނަން ނުޖަހާ އޮތް ދެ އުޅަނދެވެ. އެ ދެ އުޅަނދު ވެސް އަޅާފައި އޮތީ މާލެ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރީ ގައި ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މިއަދުގެ ނިޔަލަށް މިއުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު ބެލެހެއްޓުމަށް ޙަވާލުވެހުރި ފަރާތްތަކުން ކައުންސިލަށް ހާޒިރުވެ، އެކަން އެންގުމަށް ފަހު އެސަރަހައްދުން އެ ހަތަރު އުޅަނދު ނެގުމަށް ވެސް ކައުންސިލުން ފުރުޞަތުދީފައެވެ.
މި މުއްދަތުގައި އުޅަނދުތައް ނުނުގާ ނަމަ، އެފަދަ އުޅަނދު ފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރޭ ދޫކޮށްލާފައިވާ އުޅަނދުފަހަރު ކަމަށް ބަލައި ކަމަށާއި އެ އުޅަނދުތައް މި ކައުންސިލަށް ކަނޑައަޅާފައިވާ ސަރަހައްދަށް ގެންދެވޭނެ ކަމަށެވެ. އަދި އުޅަނދުތައް ގެންދިއުމުގެ ތެރޭގައި އުޅަނދަށާއި އުޅަދުގައިވާ ތަކެއްޗަށް ވާ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.
މި ލިޔުން ކިޔާލުމުން