މި އަހަރުގެ ފުރަތަމަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް ވޯޓުލާފައިވަނީ %21.92 މީހުން ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
މިގޮތުން އީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ބައި-އިލެކްޝަންތަކުގައި މިއަދު 12:00 އާ ހަމައަށް ވޯޓުލާފައިވަނީ 1،190 އަންހެނުންނާއި 1،292 ފިރިހެނުންނާއެކު ޖުމުލަ 2،482 މީހުންނެވެ. ވޯޓު ނުލާ 8،843 މީހުން ތިބިއިރު، މިއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ %78.08 އެވެ.
މިގޮތުން މި އިންތިޚާބުތަކުގައި 11،325 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ 5،555 އަންހެނުންނާއި 5،770 ފިރިހެނުންނެވެ.
މިއަދު ކުރިއަށްދާ ބައި އިލެކްޝަންގައި 12 ދާއިރާތަކަށް ވޯޓުލުން ކުރިއަށް އެބަދެއެވެ. އޭގެ ތެރޭގައި 2 ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން ހިމެނެއެވެ.
ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލިއެވެ. ނަމަވެސް 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވައެވެ.
މިއަދު ކުރިއަށްދާ ބައި-އިލެކްޝަންތައް
- ހދ. މަކުނުދޫ ކައުންސިލް މެންބަރު
- ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި
- ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ޚާއްޞަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ މާފަންނު މަދަރުސާގައެވެ. އެގޮތުން ހަތަރުވޯޓު ފޮށްޓެއް ވަނީ މާފަންނު މަދަރުސާގައި ބަހައްޓާފައެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އީސީން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން