މީގެ ދެ ދުވަސްކުރިން ސިޒޭރިއަން ހެދި މައިމީހާ އާއި ދަރިފުޅު ނިޔާވި މައްސަލައާއި ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލަށް އާއްމުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އެތަނަކީ އާއްމުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް ބޮޑެތި އިސްލާޙްތަކެއް ގެންނަން ޖެހޭ ކަމަށް ގއ. ވިލިނގިލީ ކައުސިންސިލުން ބުނެފިއެވެ.
ވިލިނގިލީ ކައުންސިލް ގެ ހުރިހާ މެމްބަރުން ސޮއިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެމައިން ނިޔާވި ހާދިސާ ގެ ސަބަބުން މުޅި ވިލިނގިލީ ރައްޔިތުންނަށް ސިހުން ލިބިފައިވާ ކަމަށާއި، ކުއްލިގޮތަކަށް ދެމައިންގެ ފުރާނަގެއްލި ދިޔުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ބެލުމަށް ފުރިހަމަ ތަޙްޤީޤެއް ހިންގައި ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް މިނިސްޓްރީ އޮފް ހެލްތު އަދި މޯލްޑިވްސް މެޑިކަލް ކައުންސިލަށް ވަނީ ގޮވާލާފައެވެ.
އަދި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޞިއްޙީ ހިދުމަތް ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭކަމަށެވެ.
ގއ. އަތޮޅު ހޮސްޕިޓަލަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕްރޮފެޝަނަލް މުއައްސަސާއެއް ކަމުގައި ހެދުމަށް ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ނިޒާމާއި ފަރުވާ ދިނުމުގެ އުޞޫލަށް ބޮޑެތި ބަދަލުތައް ގެނެސް އިސްލާޙްތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މިކަން އިސްލާޙްކުރުމަށް ކުރެވޭ ކަންކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ބަނޑަށް އަށް މަހުގައި ޝިއުނާ ތައުފީގު ސިޒޭރިއަން ހެދީ އޭނާގެ ހާލު ސީރިއަސްވަމުން ދިއުމުންނެވެ. އޭނާ ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ބޯޓަށް އަރުވަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭއާ ހިސާބަށް ގެންދިޔަ ފަހުންނެވެ. ތުއްތު ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.
މި މައްސަލަ ހެލްތު މިނިސްޓްރީން މިހާރު ދަނީ ބަލަމުންނެވެ. މީގެ އިތުރުން ހޯމް މިނިސްޓަރ ވެސް ވަނީ މި ޙާދިޞާގައި އެއްވެސް ފަރާތެއް ވޭތޯ ޖިނާޢީ ތަހްޤީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއް ވާނަމަ އެފަރާތެއް ނުވަތަ ޤާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ފުލުހުންނަށް އަންގާފައެވެ.
މި ލިޔުން ކިޔާލުމުން