1967 ގެ ކުރިން ފަލަސްޠީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުމަށް ދިވެހި ސަރުކާރުގެ ތާއީދު އޮތްކަން ރާއްޖެއިން އަނެއްކާވެސް ތަކުރާރުކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގަވާއިދާ ޚިލާފަށް އިޒްރޭލުން ޣައްޒާގެ ބިމަށް ވެރިވެ ބިން ހިފެހެއްޓުމާއި، ޣައްޒާގެ ރައްޔިތުން ބިމުން ބާލައި، އެ ސަރަހައްދުގައި ޞުލްޙަ ޤާއިމުކުރުމަށް ހުރަސްއަޅާ ހުރިހާ ސިޔާސަތުތަކާއި ޢަމަލުތަކަށް ރާއްޖެއިން ދެކޮޅު ހަދާ ކަމަށެވެ. އަދި ފަލަސްޠީނަކީ އ.ދ ގެ ފުރިހަމަ މެންބަރަކަށް ހެދުމަށް ރާއްޖެއިން ތާއީދުކުރާ ކަމަށްވެސް އެ ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނު ދެމެހެއްޓުމަށާއި، ފަލަސްޠީންގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފައެވެ. އަދި ދެމިއޮންނަ ޞުލްޙަވެރިކަމެއް ހޯދޭނެ ހަމައެކަނި މަގަކީ ސިޔާސީ ހައްލެއް ހޯދުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ސަރުކާރުން މިފަދައިން ބަޔާނެއް ނެރެފައިވަނީ، ޣައްޒާއިން މީހުން ހުސްކޮށް އެމެރިކާގެ ބާރުގެ ދަށަށް އެ ސަރަހައްދު ގެންދިއުމަށް ގަސްތުކުރައްވާކަން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ޣައްޒާގެ ބިމަކީ ފަލަސްޠީނު ރައްޔިތުންގެ މިލްކެއް ކަމަށާއި، ޣައްޒާއިން ފަލަސްޠީނު ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން