ރާއްޖޭގެ ސްކޫލްތައް ފިނިކުރުމުގެ މަޝްރޫޢު މި އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މާތް ﷲގެ އިރާދަފުޅާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފާއިވާ ސަރުކާރުގެ ސްކޫލްތަކުގެ 3700 އަށް ވުރެ ގިނަ ކުލާސްރޫމް ފިނިކުރުމަށް ބޭނުންވާ އޭސީ މި އަހަރު ފޯރުކޮށްދީ މި އަހަރުގެ ތެރޭގައި މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ނިންމަވާނެ ކަމަށެވެ.
މީގެ އިތުރުން މުޅި މި މަޝްރޫޢުގެ ހަކަތައިގެ 100 އިންސައްތަ ސޯލަރ ހަކަތައިން ހޯދުމުގެ އަމާޒު ވެސް މި އަހަރު ހާސިލްކުރުމުގެ މަސައްކަތް ފައްޓަވައި، މި އަހަރު ހާސިލުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތައް އޭސީ ކުރުމަށް ހިންގާ "ކޫލް ސްކޫލް" މަޝްރޫޢު ވަނީ މިދިޔަ އަހަރުގެ ތެރޭގައި ފަށައިފައެވެ.
ޤައުމަކަށް ތަރައްޤީ ގެނެވޭނީ ހަމައެކަނި ޢިމާރާތްތަކެއް އެޅުމުގެ ބަދަލުގައި، އެ ޤައުމެއްގެ ޒުވާން ޖީލަށް ރަނގަޅު ތަރުބިއްޔަތާއި ތަޢުލީމު ދީގެން ކަމުގައިވާތީ، ޙަޤީޤީ ވަށާޖެހޭ ތަރައްޤީއަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލުތަކަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަކޮށްދިނުން ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން