މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މި އަހަރު ކުރިއަށްގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން މި އަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީސް އަލުން އުފައްދަވައި، ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7،868953.00ރ. މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވާނީ ޚަރަދު ކުރެވިފައި ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އިސްލާމީ ލީޑަރޝިޕް ކޮލިޓީ އުނގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް، އެކަމާގުޅުންހުރި ދާއިރާތަކާއި، ޖަމްޢިޔާތަކަށް އަމާޒުކޮށްގެން، މި އަހަރު ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދަމަހައްޓަވައި، އިސްލާމީ ޝަރީޢަތް ނަގަހައްޓަވައި، އިސްލާމީ އުޞޫލުތައް ހިފަހައްޓާ ޤަުމެއްގެ ގޮތުގައ ިދެމިތިބުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައި ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަރުމާކޮށް، މިދިޔަ އަހަރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެ ޕްރޮގްރާމު ހިންގަވާފައިވާ ކަމަށެވެ. މި އަހަރުވެސް އެ މަޝްރޫޢު ކުރިއަށްގެންދަވާނެ ކަމަށާއި، ދިވެހިން ނަމާދަށް އަހުލުވެރިކުރުމުގެ ގޮތުން "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫޢެއް ކުރިއަށްދާ ކަމުގައި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް ވަނީ، ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ، އިޖުތިމާޢީ ޢަދާލަތަށް، އަދި މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، މާތް ﷲގެ އިރާދަފުޅާއެކު އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ފުޅާކުރެއްވުމަށްޓަކައި ޒަކާތު ހައުސް އުފެއްދެވުމުގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް ލިބުނު މަންފާ ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ.
އަދި ޒަކާތުގެ ނިޒާމު، ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށްޓަކައި ހަދަންޖެހޭ އުޞޫލުތަކާއި، ޤަވާޢިދުތައް އެކުލަވާލައި ފާސްކުރެއްވުމާއި، ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށްޓަކައި ބޭނުންވާ ފަންނީ ޤާބިލުކަން ލިބިގަތުމުގެ ގޮތުން "އިންޒެކް" އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ބޭއްވުނުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން