ދުނިޔޭގެ މަސްރަހުގައި ފާއިތުވި ހަފްތާގައި އެންމެ ގަދަވެގެން ދިޔަ އެއް އަޑަކީ ޕެނަމާ ކެނަލް އެމެރިކާއިން އަލުން އަތުލަން އުޅޭ ވާހަކަ އެވެ.
މި އަޑު މިހާ ގަދަވެގެން ދިޔައީ ދެވަނަ ފަހަރަށް އެމެރިކާގެ ރައީސްކަމާއި ހަވާލުވި ޑޮނަލްޑް ޓްރަމްޕް ، ވެރިކަމާއި ހަވާލުވިފަހުން ޕެނަމާ ކެނަލް އަލުން އަތުލައްވާނެކަމަށް ވިދާޅުވެ ތަކުރާރުކޮށް އިންޒާރު ދެއްވަމުން ގެންދިއުމުންނެވެ.
ޓްރަމްޕް ތުހުމަތު ކުރަައްވާ ގޮތުގައި އެމެރިކާއިން ޕެނަމާ ކެނަލް ، ޕެނަމާ އާއި ހަވާލު ކުރިއިރު ވަނީ އެ ގައުމު ވަކި ފަރާތަކަށް ނުޖެހުމަށް ޝަރުތުކޮށްފައެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވަނީ ޕެނަމާއިން ވަނީ މިހާރު އެ ވިސްނުމާއި މުޅިން ހިލާފްވެފައެވެ. މިގޮތުން ޗައިނާއިން އެ ނެރަށް ނުފޫޒް ފޯރުވަން ޕެނަމާއިން ފުރުސަތު ދީފައިވާކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައެވެ. އިންތިހާބްގެ ކުރިން ޓްރަމްޕް ކުރައްވަމުން އައި މި ތުހުމަތު ވެރިކަމާއި ހަވާލުވެގެންވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.
ޓްރަމްޕްގެ ތުހުމަތުތަކަށް ދައްކާނެ އެއްވެސް ހެއްކެއް ނެތަސް ، ޗައިނާ ސިފައިން ޕެނަމާ ކެނަލްގައި ގާއިމްވެގެން ތިބޭކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައެވެ. ނަމަވެސް ޗައިނާ އަދި ޕެނަމާއިން ވެސް މި ތުހުމަތުތަކަށް އިންކާރުކުރެއެވެ.
ޗައިނާ ސިފައިން ތިބުމުގެ އިތުރުން ، ޗައިނާގެ ނުފޫޒުން ޕެނަމާ ކެނަލް ބޭނުން ކުރާ އެމެރިކާގެ ބޯޓުތަކުން ނަގާ ފީތައްވެސް މިހާރު ބޮޑުކޮށްފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައެވެ. އަދި އެމެރިކާގެ މުދަލުން ޕެނަމާއިން ނުހައްގުން ޓެރިފް ނަގާ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
1881 ވަނަ އަހަރު ފްރާންސްގެ އިސްނެގުމަށް ތަރައްގީކުރަން ފެށި ޕެނަމާ ކެނަލްގެ މަސައްކަތް އޮތީ ވަކި ހިސާބަކުން ހުއްޓިފައެވެ. ފްރާންސް އިން ކުރަމުން އައި މި މަސައްކަތް 18 ވަރަކަށް އަހަރު ވަންދެން ހުއްޓިފައިވަނިކޮށް އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ އެމެރިކާއިންނެވެ. މިގޮތުން އެމެރިކާއިން ޕެނަމާ ކެނަލް ތަރައްގީކޮށް ނިންމީ 1914 ވަނަ އަހަރުގަ އެވެ.
ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން ، ފެނަމާ ކެނަލްގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައީ އެމެރިކާ ސަރުކާރަށް ފުރިހަމަ ބާރުތައް އޮންނަގޮތަށެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ގެ ދުވަސްވަރު ، 1978 ގައި ޕެނަމާ ކެނަލްގެ ކަންކަން ބެލެހެއްޓުން ޕެނަމާ އާއި ހަވާލުކުރުމަށް ވަނީ ނިންމަވާފައެވެ. މި ނިންމުމުގެ ދަށުން އެތަނުގައި ޕެނަމާގެ ބާރު ހިނގާގޮތަށް އެ ގައުމުގެ ދިދަ ފުރަތަމަ ވިހުރެންފެށީ 1999 ވަނަ އަހަރު އެވެ.
އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑު ގުލުވައިދޭ 51 މޭލުގެ ދިގު ޕެނަމާ ކެނާލް އަކީ ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ ސިނާއަތާއި ބައިނަލް އަގްވާމީ ވިޔަފާރި އަށް މުހިންމު ކަނޑު މަގެކެވެ. ޕެނަމާ ކެނާލް އިން ދަތުރުކުރުމުން އެތައް ހަފްތާތަކެއްގެ ދިގު ރާސްތާ މަދު ދުވަސް ތަކަކަށް ކުރު ކޮށްލެވެއެވެ. އެއީ ދަތުރުކުރަންޖެހޭ ދުރިމިން އެތަކެއް ހާސް މޭލެއް ޕެނަމާ ކެނާލްގެ ސަބަބުން ކުރުކޮށްދޭތީއެވެ.
ޕެނެމާ ކެނާލް ތަރައްގީ ކުރުމުގެ ކުރިން ބައިނަލް އަގްވާމީ ދަތުރުތަކުގައި ، ދަތުރު ކުރަމުން ދިޔައީ ދެކުނު އެމެރިކާ ބައްރު ވަށައިގެންވާ "ޑްރޭކް ޕެސޭޖް" ހުރަސް ކޮށްފައެވެ.މިއީ ދުނިޔޭގެ އެންމެ ގަދަ ކަނޑުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.
ޓްރަމްޕްގެ ވާހަކަތަކާއި ގުޅިގެން ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ވިދާޅުވީ ޕެނަމާއިން ، ޕެނަމާ ކެނާލް އެމެރިކާ އާއި ހަވާލު ކުރާނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށެވެ. އަދި އެކަމުގައި އެމެރިކާ އާއި ދައްކާނެ ވާހަކަ އެއްވެސް ނެތް ކަމަށް ބުނެފައިވެ އެވެ.
ޕެނެެމާ ކެނާލްގެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ހީނަރުވެފައި ވާއިރުވެސް ، ޕެނަމާގެ ރައީސް މުލީނޯ ވަނީ ޓްރަމްޕްގެ ބޯޑަރު ސިޔާސަތައް ތާއީދު ކުރައްވާކަން ހާމަކޮށްފަ އެވެ. އަދި ޕެނެމާއިން ވަނީ ދެކުނު އެމެރިކާގައި އެންމެ ގިނައިން މީހުން ވަގަށް ހިޖުރަ ކުރާ ''ދަރިއަން ގެޕް'' ގައި ކަށިނަރު ދަމައި ، ވަރަށް ބޮނޑަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. މީގެ އިތުރުން ޕެނަމާއިން ވަނީ އަމިއްލަ ހަރަދުގައި ، އެމެރިކާގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ޕެނަމާ މީހުން އަނބުރާ ގެންނަންވެސް ފަށާފައެވެ.
ދުނިޔޭގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ، ޕެނަމާ ކެނާލް އާއި ގުޅޭގޮތުން ޓްރަމްޕްގެ ވިސްނުންފުޅު މިގޮތަށް ހުރުމުގެ ފަހަތުގައި ، ސަލާމަތީ ސަބަބުތަކަށް ވުރެ ބޮޑަށް އޮތީ މާލީ ސަބަބުތަކެކެއެވެ. 2023 ވަަނަ އަހަރު ޕެނެމާ ކެނާލް އިން އެ ގައުމަށް ލިބުނު އާމްދަނީ ވަނީ ގާތްގަނޑަކަށް 3.35 ބިލިއަން ޑޮލަރަށް އަރާފައެވެ. އެހެންކަމުން މި މާލީ މަންފާގެ ދަހިވެތިކަމުގައި އެމެރިކާއިން ޕެނަމާ ކެނަލް ، އަލުން އެގައުމުގެ ބާރުގެދަށަށް ގެނައުމަށް މަސައްކަތް ކުރަނީ ކަމަށް ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
މި ލިޔުން ކިޔާލުމުން