ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހިނގި ޚަރަދު ރައީސް އޮފީހުން އާންމުކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތަށް ބަލާއިރު، މި ދަތުރުފުޅަށް ދިވެހި ސަރުކާރުން ވަނީ 1،371،069.18ރ. ހޭދަކޮށްފައެވެ. ނަމަވެސް، މި ޚަރަދުގެ އިތުރު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް، ޖަނަވަރީ މަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް، ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، އެސްޓޯނިއާގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ޓާރްޓޫގެ މޭޔަރާއި، ތަޢުލީމީ ދާއިރާގެ މަންދޫބުންނާއި، ފާހަގަކޮށްލެވޭ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ އެކު ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މިގޮތުން އެސްޓޯނިއާގެ ސަރުކާރާއި އެޤައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ތިން ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. އެއީ ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއި ކުރެއްވި ފަހުމުނާމާއާއި، ދެޤައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށް ސޮއި ކުރެއްވި ފަހުމުނާމާ އަދި، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްއާ ދެމެދު ސޮއިކުރެއްވި ފަހުމުނާމާއެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް، މި ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މި ލިޔުން ކިޔާލުމުން