މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޞިއްޙީ ވުޒާރާއިން މިއަދު ކުރި އިޢުލާންގައި ބުނެފައިވަނީ އެލައިޑް ހެލްތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެ ވުޒާރާއިން މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ކުރި އިޢުލާން ބާޠިލްކޮށް، އަލުން އެ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ކައުންސިލަށް ތިން މެންބަރުން ޢައްޔަންކުރުމަށް ބޭނުންވާ ކަމަށް އެ އިޢުލާނުގައި ބުނެފައިވާއިރު، މެންބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. މި ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތީގެ ޕްރޮފެޝަނަލުންގެ ތެރެއިން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައިވާ ޕްރޮފެޝަނަލުން ކަމުގައި ވާންވާނެއެވެ.
އެލައިޑް ހެލްތު ކައުންސިލްގެ މެންބަރުންނަށް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.
މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައި ވުމާއި، ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާގް ހުރި މީހަކު ކަމުގައިވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުވުމާއި، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުވުމާއި، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުވުމާއި، ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުވުމާއި، ޞިއްޙީ ޚިދުމަތްދޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމުގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުމާއި، ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން އަދި ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.
އެލައިޑް ހެލްތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ 13 ފެބުރުވަރީ 2025 ގެ 13:00 ގެ ނިޔަލަށެވެ.
މި ލިޔުން ކިޔާލުމުން