ރިސޯޓުތަކާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި އެ ވުޒާރާގެ ޓީމެއް ކްރޮސްރޯޑްސް މޯލްޑިވްސް އަށް ޒިޔާރަތް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ޑރ. މާރިޔާ އާއި އެކަމާނގެ ޓީމު ވަނީ ކްރޮސްރޯޑްސްގެ ބަދިގެއަށް ބެނުންވާ ކާނާ ދަނޑުތަކުގައި އުފައްދާ ގޮތްތައް ބައްލަވާލައްވައި، މަޢުލޫމާތު އޮޅުންފިލުއްވައިފައެވެ. މި ޒިޔާރަތުގައި އެތަނުގެ ގަސްގަހާގެހި އިންދާ ބަލަހެއްޓުމަށް ކުރާ މަސައްކަތްތަކާއި، ތަރުކާރީ އުފެއްދުމަށް ބޭނުންކުރާ ތަފާތު ގޮތްތައްވެސް އެ ބޭފުޅުން ބައްލަވާލެއްވިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރިސޯޓުން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި، ކާނާ އުފެއްދުމުގައި ގެންގުޅޭ އައު ގޮތްތަކުގެ ތަރުތީބުކަމާއި ފުރިހަމަކަން މި ޒިޔާރަތުގެ ތެރެއިން ފާހަގަކުރެވުނެވެ. މީގެ އިތުރުން، ރާއްޖޭގައި އުފައްދާ ތަކެތި ގަތުން އިތުރުކުރުމުގެ ގޮތުން ކަމުގައިވިޔަސް، ހައިޑްރޯޕޯނިކްސް ނުވަތަ އެހެނިހެން ގޮތްތަކަށް ގަސްއިންދާ، އިންވެސްޓްކުރުން ކަމުގައިވިޔަސް، ނުވަތަ ރާއްޖޭގެ ދަނޑުވެރިންނާ ހުނަރު ޙިއްސާކުރުން ކަމުގައިވިޔަސް، ރާއްޖޭގެ ދަނޑުވެރިކަމަށް އެހީތެރިވުމުގައި ރިސޯޓުތަކަށް އަދާކުރެވިދާނެ މުހިންމު ދައުރު އަދި އެތަނުގެ މަސައްކަތްތަކުން ފާހަގަކުރެވުނު ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ މި ގޮތްތައް ދެނެގަތުމުގެ މަޤުޞަދަކީ ރާއްޖޭގައި އުފައްދާ ކާނާ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތްތައް ކުރިއަރުވައި، ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވާ މިންވަރު މަދުކުރުން ކަމަށާއި، މި އެއްބާރުލުމުގެ ސަބަބުން ފަތުރުވެރިކަމުގެ ޞިނާޢަތަށާއި މުޅި މުޖުތަމަޢަށް ފައިދާކުރާނެ، ދެމެހެއްޓެނިވި ކާނާގެ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން