ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދުގެ ދަޢުވަތަކަށް ވަޒީރު ޑރ. ޚަލީލް ކުރެއްވި މި ދަތުރުފުޅުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން ދެމެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މިގޮތުން މި ދަތުރުފުޅުގައި ޑރ. ޚަލީލް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަޤުބަލުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، ފަތުރުވެރިކަމާއި، ބިނާރާއި އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު ދާއިރާތަކުގެ ކުރިއެރުމާއި ހަމަޖެހުން ކަށަވަރުވާ ގޮތަށް ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް އެންމެ އިސްކަންދޭ ކަންތައްތަކާއި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައިފައެވެ.
މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލް ވަނީ ރިޔާދުގައި ދިރިއުޅުއްވާ ދިވެހިންނާއި، މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ހާލު ބައްލަވައިފައެވެ. މީގެ އިތުރުން ވަޒީރު ވަނީ ރިޔާދުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތްކުރައްވައިފައެވެ. މި ބައްދަލުވުމުގައި ސަޢޫދީގައި ދިރިއުޅޭ ދިވެހިންނަށާއި، ޙައްޖާއި ޢުމްރާގެ އަޅުކަމަށް ސަޢޫދީއަށް ދަތުރުކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަގައާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް އަދި އިޤުތިޞާދީ ގުޅުންތައް ބަދަހިކުރުމުގައި ދެ މިޝަން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓްރަލް، ޑރ. ހާލާ ހަމީދު އަދި ޖޮއިންޓް ސެކްރެޓަރީ، ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން