އަރިއަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުން ފެށިގެން ދިގުރަށުގެ ފަރާ ހަމައަށް، ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދު 'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ' (ސަންޕާ) ގެ ނަމުގައި 2025 ފެބްރުއަރީ 1 އިން ފެށިގެން މެނޭޖްކުރަން ފަށާގޮތަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މި ސަރަހައްދަކީ 2009 ޖޫން 5 ގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދެކެވެ.
މި ސަރަހައްދަކީ ޕްލޭންކްޓަން ގިނައިން ޖަމާވާ، އަދި ދުނިޔޭއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި އާންމުކޮށް ފެންނަ ތަނެކެވެ. ނަމަވެސް، ފަހަކަށް އައިސް އުޅަނދުފަހަރުގެ ބުރަފަތިން ޖެހި ގާތްގަނޑަކަށް 70 ޕަސެންޓް ފެހުރިއްސަށް އަނިޔާ ލިބިފައިވެއެވެ. އަދި ފަތުރުވެރިންގެ ހަރަކާތްތަކާ ގުޅިގެން ގިނަ ހިތާމަވެރި ހާދިސާތައްވެސް ހިނގާފައިވެއެވެ.
މިނިސްޓްރީން މިއަދު އާއްމުކުރި ޕްލޭނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 3 މަސްދަވަހުގެ ތެރޭގައެވެ. މި ޕްލޭންގައި ވާގޮތުން ފެހުރިހި ބެލުމަށް އެ ސަރަހައްދަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑެއް އަޅުވަން ޖެހޭނެއެވެ.
އަދި ފެހުރިއްސެއް ފެނިއްޖެނަމަ، އެ ބަލަން މޫދަށް މީހުންނަށް ފޭބޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދުންކަމަށްވެސް މި ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ފެހުރިހި ބަލަން މޫދުގައި އެއްފަހަރާ އެންމެ ގިނައިން ތިބެވޭނީ 60 މީހުންނަށްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ޕްލޭނުގެ ތަންފީޒީ ބާރު ލިބެނީ އެންވަޔަރަމަންޓް މިނިސްޓްރީއަށެވެ. އަދި، އެ ޕްލޭން ކުރިއަށް ގެންދިއުމުގައި ލަފާދޭނެ ކޮމިޓީއެއް ވެސް އެކުވަލާލަން ޖެހެއެވެ.
މި ނިންމުމާއިއެކު، ފަތުރުވެރިން ގެންދެވޭނީ ހަމައެކަނި ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ގައިޑުންނަށެވެ. މި ޕްލޭން އެކުލަވާލެވިފައިވަނީ 300 އަށްވުރެ ގިނަ ފަރާތްތަކާއެކު ބޭއްވުނު 8 މަޝްވަރާ ބައްދަލުވުމެއްގެ މައްޗަށް ބިނާކޮށެވެ.
މި ޕްލޭނުގެ ދަށުން ސަރަހައްދު ހިމާޔަތްކޮށް އުސޫލުތަކަށް މީހުން ބޯލަނބާ މިންވަރު ބެލުމަށް ހާއްސަ ބަޔަކު ތަމްރީނުކޮށް އެ ސަރަހައްދު މޮނީޓާ ކުރުމަށްވެސް މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން