ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އާންމު ސަރަހައްދުތަށް އިމިގްރޭޝަނުން އޮބްޒާވްކޮށްފި އެވެ.
އެގޮތުން އިއްޔެ ރަސްފަންނު، އާޓިފިޝަލް ބީޗް، އުސްފަސްގަނޑު އަދި ޖުމްހޫރީ މައިދާން ފަދަ ސަރަހައްދުތައް އިމިގްރޭޝަންގެ އޮފިސަރުން ވަނީ އޮބްޒާވްކޮށްފައެވެ.
މި މަސައްކަތުުގެ ސަބަބުން ބިދޭސީންނާ ގުޅިގެން ސަލާމަތާއި އެއްބާރުލުން ކަށަވަރުވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުތައް މުގުރައި، މުޖްތަމައުގެ އަމަންކަން ގެއްލޭ ގޮތަށް އަމަލު ކުރާ މައްސަލަތައް ވެސް މިފަހުން ވަނީ ބޮޑުވެފަ އެވެ. އެގޮތުން ހަފްތާ ބަަންދުތަކުގައި އާއިލާތައް ކުޑަކުދިންނާއި އެކު ޖަމާވާ އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގުމާއި މަސްތުގެ ހާލަތުގައި ތަނުގައި އުޅުން ފަދަ ކަންކަން ހިމެނެ އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާރ ޝައްމާން ވަނީ އިމިގްރޭޝަނަށް ގާނޫނީ ގޮތުން މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ލިބިފައިވާ ބާރުގެ ބޭނުން ކުރާނެކަން ހާމަކުރައްވާފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާ އިރު ކޮންމެ ދުވަހަކުހެން ދަނީ ރެއިޑްތައް ޖައްސަމުން ނެވެ.
އެ ރެއިޑްތަކުގައި ބޮޑަށް އިސްކަންދެނީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށެވެ.
މި ލިޔުން ކިޔާލުމުން