އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ހުއްދައާ ނުލައި ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތި ހުޅުވާލައި ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާން ބާޠިލްކުރުމަށް އެ ވުޒާރާއިން ސިޓީ ކައުންސިލަށް އަންގައިފިއެވެ.
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރުގެ ނައިބު، ޙަސަން ވިސާލް ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރ، ސަޢުދު ޢަލީ އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސަރުކާރުން އިމާރާތްކުރާ ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމާއި އެ ތަންތަން އެކި ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި ވިލަރެސްކުރުން އެ ވުޒާރާގެ އިޚްތިޞާޞްގައި ހިމެނިފައިވާ ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ހައުސިންގ ޔުނިޓުތައް ހަވާލުކުރެވެމުން ދަނީ އެ ވުޒާރާއިން އެންޑޯސްކޮށް ހުއްދަދޭ އުޞޫލަކާ އެއްގޮތަށް ކަމަށެވެ.
މީގެ އިތުރުން، ގދ. ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ހައުސިންގ ޔުނިޓަކީ އެ ވުޒާރާގެ ބެލުމުގެ ދަށުން އިމާރާތް ކުރަމުންދާ ޔުނިޓުތަކެއް ކަމަށް ވެފައި، އެ ޔުނިޓުތައް ދޫކުރުމަށް އިޢުލާންކުރުމުގެ ކުރިން ހައުސިންގ ޔުނިޓުތައް ދެވޭނެ އުޞޫލު ފައިނަލްކުރުމާއި، އެޕްލިކޭޝަންގެ މަރުޙަލާ ކުރިއަށްގެންދަންވާނީ އެ ވުޒާރާގެ އިރުޝާދުގެ ދަށުން ކަމަށް ވީ ނަމަވެސް، ތިނަދޫގައި އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައި، ސިޓީ ކައުންސިލުން 29 ޖަނަވަރީ 2025 ގައި އިޢުލާންކޮށްފައިވާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ އިޢުލާން ކުރެވިފައި ވަނީ އެ ވުޒާރާގެ ހުއްދަ ނެތި ކަމަށް އެ ސިޓީގައި ވެއެވެ.
އެހެންކަމުން އެ ވުޒާރާއިން ވަނީ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމަށް ހުޅުވާލައި ސިޓީ ކައުންސިލުން ކުރި އިޢުލާން ބާޠިލްކުރުމަށް އަންގައިފައެވެ. އަދި އެ ހައުސިންގ ޔުނިޓުތައް ލިބޭ ފަރާތްތައް ހޯދުމަށް އިޢުލާން ކުރުމަށް ބޭނުންވާ އުޞޫލު އެންޑޯސްކުރުމަށް އެ ވުޒާރާއަށް ފޮނުވުމަށާއި، އެ ވުޒާރާގެ އިރުޝާދުގެ ދަށުން ހައުސިންގ ޔުނިޓުތައް ހަވާލުކުރުމާ ގުޅޭ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް ވަނީ އަންގައިފައެވެ.
ނަމަވެސް، ތިނަދޫ ސިޓީ ކައުންސިލުން ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރި އިޢުލާން އަދި ބާޠިލްކޮށްފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން