ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރަމުންދާ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އިފުރު އައިލެންޑް މޯލްޑިވްސް ގައި ވަޒީފާ އަދާކުރާ އުމުރުން 26 އަހަރުގެ އިންޑިއާ ރައްޔިތަކު މޫދަށް ގެއްލުނުކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިގޮތުން މިކަމުގެ ރިޕޯޓު ލިބިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ 16:41 ހާއިރު ކަމަށާއި، އޭނާ ހޯދުމަށް ކޯސްޓްގާށް ފަސްޓް ސްކޮޑްރަންގެ ހާބަރު ކްރާފްޓާއި ސީ އެމްބިއުލައިން އަދި ފުލުހުންގެ އެހީތެރިކަމާއެކު ކަނޑުމަގުން 74.18 ސްކޮއަރ ނޯޓކަލް މޭލު ބަލާފައިވާ ކަމަށެވެ.
މީގެ އިތުރުން، އިއްޔެގެ ނިޔަލަށް ވައިގެ މަގުން 213 ސްކޮއަރ ނޯޓިކަލް މޭލު ބަލާފައިވާކަމަށާއި، އެ ރިސޯޓުގެ މުވައްޒަފުންނާއި ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން 160،718 ސްކޮއަރ މީޓަރު ބަލާފައިވާއިރު، ކޯސްޓްގާޑުގެ ޑައިވަރުން ސްނޯކަލް ކޮށްގެން 46،814 ސްކޮަރ މީޓަރު ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު ރ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކުވެސް މޫދަށް އެރި އުޅެނިކޮށް އެ ދުވަހު 15:35 ހާއިރު ގެއްލިފައިވާ ކަމުގެ ރިޕޯޓު އަންގާރަ ދުވަހު ލިބިފައިވާ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން