ހއ. ހޯރަފުށިގައި ޤާއިމްކޮށްފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް ހާފްވޭ ހައުސް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ހާފްވޭ ހައުސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ. ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ހާފްވޭ ހައުސްގައި ޤައުމީ ދިދަ ނަންގަވައިދެއްވައިފައެވެ. ޑިޕާޓްމަންޓް އޮފް ޖުވަނަލް ޖަސްޓިސްގެ ދިދަ ނަންގަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ.
ސަރުކާރުން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ 6.1 މިލިއަން ރުފިޔާ އަށެވެ.
ހޯރަފުށީގައި ޤާއިމުކުރި މި ހާފްވޭ ހައުސްއަކީ އަތޮޅު ތެރޭގައި ޤާއިމު ކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓެވެ. މި ހާފްވޭ ހައުސް ބަލަހައްޓާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހަދާ ތަނެކެވެ.
ހާފްވޭ ހައުސްގައި އެކި ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާ ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދޭނެއެވެ.
ކުޑަކުދިންގެ އަދުލުގެ ޤާނޫނަކީ 14 ނޮވެންބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 20 ނޮވެންބަރު 2019 ވަނަ ދުވަހު ތަސްދީޤު ކުރައްވާފައިވާ ޤާނޫނެކެވެ.
ކުށަށް ހުށަހެޅޭ ކުދިން އަނބުރާ މުޖުތަމަޢަަށް ހެޔޮ ގޮތުގައި ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅި ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ހެދުމަކީ މެންޑޭޓުގައި ހިމެނޭ ކަމަކަށްވުމުން ދިރާސާ ހެދުމުގެ މަސައްކަތްވެސް ޑީޖޭޖޭ އިން މިހާރު އަންނަނީ ކުރަމުންނެވެ.
ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް"ގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ހޯޕް އައިލެންޑްގެ އަމަލީ މަސައްކަތް ފަށާނީ ފަންޑް ހަމަޖެހުމުން ކަމަށާއި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މި މަސައްކަތްކޮށް ނިންމާލާނީ ފޮނި ނަތީޖާއާއެކުގައި ކަމަށް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މި ރަށުގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދިނުމަށް ނިންމާފަވާއިރު ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގްރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގްރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
މިއަދު ހޯރަފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ޑެޕިއުޓީ މިނިސްޓަރ ހަސަން ވަޙީދުގެ އިތުުރުން ޑިޕާޓްމެންޓް އޮފް ޖުވަނަލް ޖަސްޓިސްގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަތީފް އަދި މުވައްޒަފުންނާއި ހޯރަފުށީ ކައުންސިލްގެ މުވަައްޒަފުންނާއި މުޢައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެތެވެ.
މި ލިޔުން ކިޔާލުމުން