އެމަނިކުފާނުގެ ސިޔާސަތަކީ ތާރީޚީ ތަންތަން ރައްކާތެރިކޮށް އެ ތަންތަނުން ރައްޔިތުންނަށް ނަފާ ހޯދައިދިނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތަކަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ެަރައީސް ވިދާޅުވީ ތަކަންދުއަކީ ތާރީޚީ ގޮތުންނާއި، ގައުމިއްޔަތު ތަރައްގީކުރުމުގެ ސިޔާސަތުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށާއި، ރަށުގައި ވަރަށް މުހިންމު ތާރީޚީ ތަރިކަތަކެއް އެބަހުރި ކަމަށެވެ. އަދި އޭގެ އިތުރަށްވެސް ރަށުގައި ތާރީޚީ ކަންތައްތައް ވަރަށް ގިނަކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
''ހިރިގަލުން ބިނާވެފައި ހުރި، ނޫނީވިއްޔާ ގާއިމުވެފައި ހުރި ގަބުރުސްތާނު އެއީ ބުނެވޭ ގޮތުގައި އަދި އަޅުގަނޑަށްވެސް ގަބޫލުކުރެވޭ، ހިރިގަލުގެ އެންމެ ބޮޑު ގަބުރުސްތާނަށްވުން އެކަށީގެންވޭ. ކޮންމެގޮތެއްވިޔަސް، ވަރަށް ހިސްޓޯރިކް ވެލިއު ހައި، ހެރިޓޭޖް ވެލިއު ހައި ތަނެއް. އެ ތަނުގައި ވަރަށް ގިނަ ތަންތަން އެބަހުރި.''
ރައީސް ވިދާޅުވީ ތަކަންދުއަކީ ގައުމީ ވިސްނުމެއްގައި ސަމާލުކަން ދޭންޖެހޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ ކަމަށެވެ. ތަކަންދުއަކީ ގައުމުގެ ތާރީޚު ހިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރެއަށް ބަލާއިރުގައި ވެސް، ވަރަށް މުހިންމު އިސްކަމެއް ދޭންޖެހޭ، ''ޔުނީކް'' ކަމެއް ލިބިގެންވާ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
''...މިތަނުގައި މިހިރަ ތާރީޚީ ތަންތަން، އެ ތަންތަނަށް ދޭންވާ އިސްކަންދީގެން ބަޖެޓުން ޚަރަދުކޮށް، އެ ތަންތަން ސަލާމަތްކޮށް، ރިނޮވޭޓްކޮށް، އޭގެ ހަގީގީ އައިޑެންޓިޓީއަށް އިއާދަކޮށް، ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫއުއެއް ހިންގުމާއި، އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ ކުދިންނަށް އަދި ޖުމްލަކޮށް ހަމަ ތާރީޚު ދަސްކުރަން ބޭނުންވާ އަދި ދިރާސާކުރާ، ކިޔަވާ ދިވެހި ކުދިންނާއި ރައްޔިތުންނަށް ވެސް އޭގެ ނަފާ ލިބޭ ގޮތަށް މި ތަންތަން ދެމެހެއްޓުން އެއީ އަޅުގަނޑުގެ ސިޔާސަތު.'' ރައީސް ވިދާޅުވިއެވެ.
ނަތީޖާއަކަށް ވާނީ ޢަލީތަކުރުފާނުގެ ޒިޔާރަތުގެ އިތުރަށް، ގަބުރުސްތާނު އަދި އެއާ ގުޅިފައިހުރި ތާރީޚީ ހުރިހާ ކަންތައްތައް، ދުރުރާސްތާއަށް ރައްކާތެރިވެގެންދާ ފެންވަރުގައި އެކަން ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން