ގދ. ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި، އެ ސިޓީގެ ރައްޔިތުންނަށާއި، އެ ސިޓީއަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން އެ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ އެ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިއަދު 13:00ން ފެށިގެން 30 އޭޕްރިލް ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 03 ކެޓަގަރީއަކަށް ބަހާލައިގެން، ކެޓަގަރީ A (ތިނަދޫ ރައްޔިތުންނަށް ޚާއްސަ ކުރެވޭ ކެޓެގަރީ) ، ކެޓަގަރީ B (ތިނަދޫ ދަފްތަރު އަދި ތިނަދޫ ސިޓީއަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކުގެ ކެޓެގަރީ) ، ކެޓަގަރީ C (ތިނަދޫގެ އާބާދީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ތިނަދޫ ސިޓީއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކެޓެގަރީ ) ތިނަދޫ ސިޓީ ކައުންސިލްގެ ހައުސިންގ ޕޯޓަލް www.housing.thinadhoo.gov.mv އިން ކަމަށެވެ.
ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، ތިނަދޫ ސިޓީ ކައުންސިލްގެ ހައުސިންގ ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މީގެއިތުރުން ފޯމާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމާއި، އެ ޝަކުވާތަކަށް ދެވޭ ޖަވާބުތަކާއި، އަދި ކަމާ ގުޅޭ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްތަކުގެ ތަފުސީލު ފެންނަން ހުންނާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން