އަންނަ ފެބުރުވަރީ މަހު 08 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވައިލައިފިއެވެ.
އީސީއިން ކުރި އިއުލާނެއްގައި ބުނީ މިއަދު ހެނދުނު 11:30 އިން ފެށިގެން މާދަމާ މެންދުރުފަހު 15:00 ނިޔަލަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށާއި، މި ފުރުސަތުގައި ރަޖިސްޓަރީ ވާނީ ހދ. މަކުނުދޫ ރައްޔިތުން ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެ ދާއިރާއަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.
މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށް އީސީއިން ބުންޏެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު (VR space ID-Number Send to 1414) އެސްއެމްއެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.
މަކުނުދޫ ކައުންސިލުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އީސީއިން ހުޅުވައިލުމުން ކުރިމަތިލީ ޖުމްލަ ދެ ބޭފުޅުންނެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ ކަރާދުނބުރިއާގެ / މާލެ އިބްރާހީމް މުޙައްމަދާއި، ޕީއެންސީގެ ފަރާތުން ވާދަކުރާ މަކުނުދޫ، ހުދުވިލާ، ނަޛްރާނާ ޢަލީއެވެ.
މި ލިޔުން ކިޔާލުމުން