ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެންމެ މަދުވެގެން، ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ އެއް ޔުނިޓް މި އަހަރު ތެރޭގައި ގާއިމުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޕަބްލިކް ވަރކް ސައިޓްތައް ހެދުމަކީ އިންވެސްޓްމަންޓެއް ކަމަށާއި، ރ އަތޮޅުގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭ މަރުކަޒު ގާއިމުވެގެންދާނީ ރ. މާކުރަތުގައި ކަމަށެވެ.
ތަރައްޤީއަށް ހިންގާ ގިނަ މަޝްރޫޢުތަކެއްގެ ދުރު ރާސްތާއަށް ބަލާއިރު އެފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި ޕަބްލިކް ވަރކްސް ޚިދުމަތަކީ އިންތިހާއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ އެއްވެސް ޙާލެއްގައި ބޭކާރުވެގެންދާ ޚަރަދެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ދުރު ރާސްތާއަށް ބަލާއިރު، ޢުމްރާނީ ގޮތުން ރަށްރަށަށް ގެނެވޭ ތަރައްޤީ ބެލެހެއްޓުމަށް ޕަބްލިކް ވަރކްސް ޔުނިޓެއް ހުރުމަކީ، އެތައް ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމެއް ކަމަށެވެ.
އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވަރކްސް ޔުނިޓްގެ 2 ޔުނިޓް އުފައްދަވާނެ ކަންވެސް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.
މި މަސައްކަތްތަކަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދަވާނެ މަސައްކަތްތަކެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން