ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 20 ދުވަސް ޖަހައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ދެވަަނަ ފިޔަވަހީގެ ރީތިގަސްމަގު ބުރިޖު ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުުޅުނު މީހަކު ހުއްޓުވައި، ސްޓެލްކޯގެ މުވައްޒަފުންކެއް ވަނީ އޭނާ ފުލުހުންނާ ހަވާލުކޮށްފައެވެ.
ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުޅެނިކޮށް ހުއްޓުވަން އުޅުމުން ވަގުކަލޭގެ ވަނީ ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީ، މާރާމާރީ ވެސް ހިންގައިފައެވެ. މި މާރާމާރީގައި މުވައްޒަފުގެ ބޮލާއި، އަނގަމަތި ފަޅައިގެންދިޔައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ށ. ބިލެތްފަހި، ޗަނބޭލީގެ، އިބްރާހީމް ޒާލިފް (37އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ކްރިމިނަލް ކޯޓުން ވަނީ އިތުރު 20 ދުވަހަށް ބަންދުކުރުމަށް ޢަމުރުކޮށްފައެވެ. އޭނާއަކީ މީގެ ކުރިންވެސް ބަންދުގެ ރެކޯޑު އޮންނަ މީހެކެވެ.
ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މިދިޔަ އަހަރު މަރުވެފައިވެސް ވެއެވެ.
މި ލިޔުން ކިޔާލުމުން