އެސްޓޯނިއާ ދަތުރުގެ ސަބަބުން ރާއްޖޭގެ ގިނަ ދާއިރާތަކަކަށް އެހީތެރިކަން ލިބިގެންދާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މި ދަތުރުގެ ތެރެއިން އެކި ދާއިރާތަކާ ގުޅޭ އެމްއޯޔޫތަކުގައި ސޮއިކުރެވިފައިވާ ކަމަށެވެ. އޭގެތެރެއިން އެއް އެމްއޯޔޫ އަކީ ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ރާއްޖޭގެ ކަންތައްތައް ބައްޓަންކުރުމުގައި އެބޭފުޅުންގެ އެހީތެރިކަން ދިނުމަށް މަޝްވަރާކުރުމާ ގުޅޭގޮތުން ސޮއިކުރެވުނު އެއްބަސްވުން ކަމަށާއި، ތިމާވެށީގެ ދާއިރާއިންވެސް އެމްއޯޔޫއެއްގައި ސޮއިކުރެވިގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ވަޒީރުންނާވެސް ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ދެ ދާއިރާ ވަރަށް މުހިންމުވާ ސަބަބަކީ ޑިޖިޓަލައިޒްކުރާނަމަ އެންމެ މުހިންމުކަމެއް ދޭންޖެހޭ ދެ ދާއިރާ ކަމުގައި ވާތީ ކަމަށެވެ.
ރައީސް ވިދާޅުވީ އެސްޓޯނިއާގައި އެކަންތައްތައް ކުރެވިފައި އޮތީ ވަރަށް ފުރިހަމައަށް ކަމަށާއި، އެކަމުގައި ރާއްޖެއަށް ކާމިޔާބީ ހާސިލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޕްރިވެންޓިވް ހެލްތުކެއަރގެ ދާއިރާއިން ވަރަށް ގިނަ ކަންތައްތަކެއް އެ ޤައުމުން ހާސިލުކޮށްފައިވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޖަނަވަރީ މަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ރައީސް ކުރެއްވި މި ދަތުރުފުޅަކީ، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ލިޔުން ކިޔާލުމުން