އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ) އަށް ބޭސްފަރުވާ ކުރަން ދިއުމަށް ހުޅުވާލައިފިއެވެ.
އާސަންދަ ކުންފުނިން މިއަދު ބުނީ ތައިލެންޑް އަދި ޔޫއޭއީން އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ޚިދުމަތް ދޭގޮތަށް ހުޅުވާލެވިފައިވާ ކަމަށާއި، މި ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015/R-19) ގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ.
މީގެ އިތުރުން، ތައިލޭންޑް އަދި ޔުޔޫއޭއީގެ އާސަންދަ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފަރ ކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރ"އެއް (ޢާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ކަމަށާއި، އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުޞޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ "ފަސްޓް ޑިގްރީ ޑޯނަރ" އަކަށްވުން އެ ޤައުމުތަކުގެ ޤާނޫނާ ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތައް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
"އާސަންދަ ސްކީމަށް އިތުރުކުރެވިގެންމިދާ އެމްޕެނަލްމަންޓާއެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ މަގުފަހިވެގެންދާނެ"، އެ ކުންފުނިން ބުނެފައިވެއެވެ.
އަދި ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތައް ކަމަށާއި، އެފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފަރ ކުރާނެ މަރުކަޒު އެކުންފުނިން ކަނޑައަޅާ އެ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެ ކަމަށްވެސް އާސަންދައިން ބުންޏެވެ.
އާސަންދަ ކުންފުނިން ބުނީ މިއަދު ޔޫއޭއީ އަދި ތައިލެންޑަށް އާސަންދަ ސްކީމުގެ ޚިދުމަތް ފުޅާވެގެންދާއިރު މި ދެ ބަޔަށް އިސްކަންދިނުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށްވެސް ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްއެދި ހުށަހަޅާނީ މިހާރުވެސް ޚިދުމަތަށް އެދޭ ގޮތަށް ކަމަށާއި، އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އަދި ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތަކަށާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން