ރަޝިޔާގެ އަސްކަރިއްޔާގައި މިހާރު ޚިދުމަތްކުރަމުންދާ އިންޑިއާގެ ހުރިހާ ރައްޔިތުން ދޫކޮށްލުމަށް އިންޑިއާއިން އެދިއްޖެއެވެ.
އިންޑިއާއިން މިގޮތަށް އެދިފައިވަނީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ އިސްސަފުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާ ރައްޔިތަކު މި ހަފްތާގައި މަރުވުމާ ގުޅިގެންނެވެ. މި ހަނގުރާމަ ފެށުނުފަހުން މިހާތަނަށް އިންޑިއާގެ 10 ރައްޔިތަކު ވަނީ މަރުވެފައެވެ.
އިންޑިއާގެ ގިނަ އަދެދެއްގެ ރައްޔިތުން ދަނީ ރަޝިޔާ އަސްކަރިއްޔާގެ އެކި ޔުނިޓުތަކުގައި މަސައްކަތްކުރަމުންނެވެ. އެގޮތުން, ކައްކާ މީހުންނާއި އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ. މިގޮތަށް މަސައްކަތްކުރާ ހުރިހާ ރައްޔިތުން ދޫކޮށްލުމަށް އެދި އިންޑިއާއިން ވަނީ ތަކުރާރުކޮށް ރަޝިޔާގައި އެދިފައެވެ.
އިންޑިއާގެ ބޮޑުވަޒީރު މިދިޔަ އަހަރު ރަޝިޔާގެ ރައީސް އާއި އެކު ބޭއްވުނު ދެ ބައްދަލުވުމެއްގައި ވެސް މި ކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.
އިންޑިއާއިން ބުނެފައިވާގޮތުން މިދިޔަ އޮކްޓޯބަރު މަހު ރަޝިޔާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ 85 އިންޑިއާ ރައްޔިތުން ދޫކޮށްލާފައިވެއެެވެ. އަދި އިތުރު 20 ރައްޔިތުން ދޫކޮށްދިނުމަށް އެދި ކުރަންޖެހޭ މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ނިއު ދިއްލީގައި ހުރި ރަޝިޔާގެ އެމްބަސީން މަޢުލޫމާތު ދޭގޮތުގައި, ރަޝިޔާ ސިފައިންގެ ތެރޭގައި ޚިދުމަތްކުރަމުންދާ ބައެއް އިންޑިއާ ރައްޔިތުން ދޫކޮށްނުލެވި ލަސްވެފައިވަނީ ރަޝިއާގެ ޑިފެންސް މިނިސްޓްރީން އެ މީހުންނާއި އެކު ވެފައިވާ ސިފައިންގެ ޚިދުމަތުގެ އެއްބަސްވުންތައް މިހައިތަނަށް ބާޠިލުކޮށްފައި ނުވާތީއެވެ. އަދި އިންޑިއާ ރައްޔިތުން ރެކްރޫޓްކުރުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން ބުނެފައިވަނީ ރަޝިޔާގެ އަސްކަރީ މަސައްކަތްތަކަށް ރެކްރޫޓްކޮށްފައިވާ ގިނަ އިންޑިއާ ރައްޔިތުންނަކީ އޮޅުވާލައިގެން ، ނުވަތަ އިތުބާރު ނުހިފޭ އޭޖެންޓުންގެ ފަރާތުން ރެކްރޫޓްކޮށްފައިވާ މީހުންނެވެ.
މި ލިޔުން ކިޔާލުމުން