މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެމްއެންޑީއެފްއިން މިހާތަނަށް 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.
ފެން ހިންދުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، މާލޭގެ 8 ސަރަހައްދެއްގައި 23 ޕަންޕު ބަހައްޓައިގެން މަސައްކަތްކުރަމުންދާއިރު، މި މަސައްކަތުގައި މިހާތަނަށް ވަނީ 13882 ޓަނުގެ ފެން ހިންދާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ފެން ހިންދުމުގެ މަސައްކަތްކުރަމުންދާ ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކް، އައިޖީއެމްއެޗް ސަރަހައްދު، ވިލިމާލެ ފެރީ ޓާމިނަލް، ސަލްމާން މިސްކިތް ސަރަހައްދު، ބޮޑު ވަޅު، ދަރުބާރުގެ ސަރަހައްދު، ހަވީރީހިނގުން އަދި ސޯޝަލް ސެންޓަރު ކައިރި ހިމެނެއެވެ.
މީގެއިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން، ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ މާލެއާއި ހުޅުލެއާއި އއ.ތޮއްޑުއަށެވެ.
މާލެއަށް 130.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ.
ހުޅުލެއަށް 79.5 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ.
ތޮއްޑުއަށް 70.3 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ށ.އަތޮޅުން ތ.އަތޮޅަށް މިއަދު 9:00 އިން ފެށިގެން 13:00 އަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް 8:45 އިން މެންދުރުފަހު 14:00 އަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މި ލިޔުން ކިޔާލުމުން