ޢުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާ އިތުރު ކުންފުނިތަކަށް ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 9 އޮކްޓޫބަރު 2024 ގައި ގެޒެޓްކޮށްފައިވާ އުޞޫލާ އެއްގޮތައް ޢަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަވެފައިވާ ކަމަށެވެ.
އެފަރާތްތަކުން އުސޫލާއި އެއްގޮތަށް އަމަލު ނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑު މިނަށް ބަލައި އަންނަ ހަފްތާގައި އުޞޫލުގައި ބުނާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މިކަން ހާމަކޮށްފައި މިވަނީ އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުމްރާއަށް ދިޔަ މީހުން ރާއްޖެއަށް ނާދެވި މައްކާގައި ހާލުގައިޖެހުނު މައްސަލާގައި، އެ ކުންފުންޏަށް އިއްޔެ ފިޔަވަޅު އަޅާފައިވަނިކޮށެވެ.
އެކުންފުނި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި އިތުރު ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ.
މި ލިޔުން ކިޔާލުމުން