ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫއަށް ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން ސަރުކާރުން ނިންމައިފިއެވެ.
ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ގއ.ކަނޑުހުޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑުހުޅުދޫއަށް ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި އަހަރު އަމަލީ މަސައްކަތްތައް ފަށްޓަވައި، ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށެވެ.
މީގެއިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކުޅިވަރުގެ ދާއިރާއިން ކަނޑުހުޅުދޫގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ފުޓްސަލް ދަނޑުގެ ފެންސް ޖެހުމާއި، ކުޅިވަރު ބަލަން ތިބޭނެ ރޮސްޓްރަމް ޖާގައާއި، ފުޓްބޯޅަ ދަނޑުގެ ޓަރފް ބަދަލުކޮށް، އެތްލެޓިކްސްއަށް ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރުންފަދަ ކަންކަން މި އަހަރު ތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ހަމައެއާއެކު އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބައްލަވައިލައްވައި ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ބިންހިއްކުމުގެ މަޝްރޫއު ނުފެށުނު ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކަވައިދެއްވައި، އަދި ބިން ހިއްކައި ނިމުމުން މިއަންނަ އަހަރު ނުވާ ކަމަށްވާނަމަ، ދެން ޖެހިގެން އަންނަ އަހަރު އެންމެ ލަސްވެގެން ރޯހައުސް ހައުސިންގ މަޝްރޫއުއެއް ހިންގަވައިދެއްވާނެ ކަމުގައެވެ. އަދި ކަނޑުހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދެވި އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ސްކޫލަށް ބޭނުންވާ ތަރައްގީގެ ކަންކަމަށް އަމަލީ ސިފަ ގެނައުން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، މިހާރު ހުއްޓިފައިވާ މަޝްރޫއުއް ހިންގަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވިއެވެ.
އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، 24 ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި، އެ މަރުކަޒުން ހުށަހަޅުއްވާފައިވާ އިތުރު ކަންކަން ފުރިހަމަކޮށްދެއްވުމުގެ އަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން