މިދިޔަ ހުކުރު ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކުގެ އަދަދު އިތުރުވެދާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.
ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކާއި އެހީތެރިކަން ފޯރުކޮށް ދިނުމާއި ގުޅޭގޮތުން " ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޗީފް އެގްޒެކެޓިވް، ހިސާން ޙަސަން ވިދާޅުވީ ހުރިހާ ގެތަކެއްގެ އެސެސްމަންޓް ނިންމާލެވޭތޯ އިއްޔެ މަސައްކަތް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެ އޮތޯރިޓީގެ ހޮޓްލައިނަށް ވަރަށް ގިނަ ފަރާތްތަކަށް ހުކުރު ދުވަހު ގުޅަން އުޅެ އޮތޯރިޓީއަށް ގުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ނުގުޅި ތިބި މީހުންވެސް ތިބެދާނެކަމަށެވެ.
ހިސާން ވިދާޅުވީ އެ އޮތޯރިޓީގެ ހޮޓްލައިން އަކީ އެގޮތަށް އެއްފަހަރާ ގިނަ ކޯލްތަކެއް، އިމަރޖެންސީ ގައި އެޓެެންޑް ކުރެވޭގޮތަށް ތައްޔާރުކުރެވިފައިވާ ލައިނެއް ނޫންކަމަށެވެ. އެއީ ހޮޓްލައިން އެއް ގޮތަށް ކަނޑައަޅާފައިވާ މޯބައިލް ފޯނެއް ކަންވެސް ހިސާން ފާހަގަކުރެއްވި އެވެ.
އެހެން ކަމުން އެސެސްމަންޓް ހަދަމުންދާއިރު ރިޕޯތް ކުރެވިފައި ނެތަސް ކައިރީގައި ހުންނަ އެހެން ގެތަކަށްވެސް ގެއްލުން ލިބިފައިވާކަން އެސެސްމަންޓް ހަދާ މުވައްޒަފުންނަށް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ކަމުން މާދަމާ (މިއަދު) ވެސް ގެތަކެއް އިތުރުވުމަކީ އެކަށީގެންވާ ކަމެއް" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މަަސައްކަތް ކުރަމުންދަނީ ކޮންމެ ގެއަކަށް ޒިޔާރަތްކޮށް ވީހާވެސް އަވަހަށް އެސެސްމަންޓް ހަދާ އެކަމުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ކަމަށެވެ.
ހުރިހާ ރަށްރަށާއި މާލެއަށް ލިބުނު ގެއްލުންތައް ވަޒަންކުރުމަށް ފަހު ވީހާވެސް އަވަހަކަށް ގެއްލުން ލިބުނު ފަރާތްތަކަށް ކޮމްޕެންސޭޝަން ދިނުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ހިސާން ވިދާޅުވުއެވެ.
މިދިޔަ ހުކުރު ދުވަހު މުޅި ރައްޖެއަށް މޫސުން ގޯސްވެ ހުއްޓާނުލާ ވާރޭ ވެހުމުންނާއި އުދައެރުމުގެ ސަބަބުން ގެއްލުންވި 137 ގެއެއްގެ ތެރެއިން 92 ގޭގެ އެސެސްމަންޓް މިހާރު ނިމިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މައުލޫމާތުދެއެވެ. މި މަސައްކަތުގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ އިތުރުން ދެިވެހި ރެޑްކްރޮސެންޓުން ބައިވެރިވެއެވެ.
މި ލިޔުން ކިޔާލުމުން