ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެއަތޮޅު ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ގުޅީގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ކައުންސިލަރުން ވަނީ ގުޅީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ގުޅިއަކީ ފަތުރުވެރިކަމުގެ ވިޔަފާރީގައިވެސް ކުރިއަރާފައިވާ، އަދި ރަށަށް އަރައި ފޭބުމުގައި ގިނަ ބަޔަކު ބަނދަރު ބޭނުންކުރާ ރަށެއްކަމުގައި ފާހަގަކުރައްވައި، ބަނދަރުގެ ޖާގައިގެ ދަތިކަން ކައުންސިލަރުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގެ މުވައްޒަފުން މަދުކަމާއި ލެބޯޓަރީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާގައެވެ.
ރައީސުލްޖުމްހޫރިއްޔާ މާލެއަތޮޅު ގުޅީއަށް ކުރައްވާ މި ދަތުރުފުޅަކީ، 2024ވަނަ އަހަރު އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ލިޔުން ކިޔާލުމުން