މި ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ސަރުކާރުގެ ތިން ވުޒާރާއެއް އަނދައި ހުލިވި އަލިފާނުގެ ހާދިސާ ތަޙުޤީޤުކުރުމަށް ގެނައި އިންޑިއާގެ ޓީމު ތަޙުޤީޤަށްފަހު ރާއްޖެއިން ފުރައިފިއެވެ.
ފުލުހުން ބުނީ، ތަޙުޤީޤު ޓީމު ފުރީ ޑިސެންބަރު 22 ވަނަ ދުވަހު ކަމަށާއި، އެ ހާދިސާއާ ގުޅޭ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ސީސީޓީވީ ފުޓޭޖު އަދި ހާދިސާއާ ގުޅުންހުރި މުހިންމު މަޢުލޫމާތުތައް އެ ޓީމާ ހިއްސާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ ތަކެތި ދިރާސާކުރުމަށް ފަހު އެ ޓީމުގެ ހޯދުންތައް ފުލުހުންނާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މަހުގެ 12 ވަނަ ދުވަހު ހެނދުނު އަލިފާނުގެ ހާދިސާ ހިނގީ ހައުސިންގ މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އެންވަރަންމަންޓް މިނިސްޓްރީ ހިންގަމުން އައި މ. ގްރީން ބިލްޑިންގ ގައެވެ. މި ހާދިސާގެ މަންޒަރު އެންމެ ފުރަތަމަ ފެނުނު މީހުންގެ ބަޔާން ނެގުމުގެ މަސައްކަތާއި، އެވަގުތު އެ ސަރަހައްދުގައި ތިބި މީހުންނާއި، އިތުރު މީހުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މި މަހުގެ 14 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު ވިދާޅުވެފައިވެއެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މިނިސްޓްރީތަކުގެ މަސައްކަތް މިހާރު ވަނީ ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން