ފުލުހުންގެ އުޅަނދަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާ މިހާރު ވެންޓިލޭޓަރަށް ލާފައިވާއިރު، އެ އެކްސިޑެންޓުގައި ހިމެނޭ ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް އޮތްތޯ ބަލަމުންދާ ކަމުގައި ފުލުހުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 27 ޑިސެންބަރު 2024 ގެ ދަންވަރު 01:50 ހާއިރު ހުޅުމާލޭ ފޭސް 2، ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅުމަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މީގެ އިތުރުން، މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި، އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމާ ގުޅިގެން މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށާއި، މިވަގުތު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާ ޚިލާފުވެގެން އެ ޤާނޫނުގެ ދަށުން 2024 ޑިސެންބަރު 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ.
"މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެކެވެ. އެފަދަ އެކްސިޑެންޓުތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރަމެވެ."، އެ ބަޔާނުގައި ވެއެވެ.
ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓު ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަޙުޤީޤުގެ ތެރެއިން ބަލަމުންދާ ކަމަށާއި، މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން