އަޒަރުބައިޖާންގެ މަތިންދާ ބޯޓެއް ވެއްޓުނު ހިތާމަވެރި ހާދިސާއާ ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޒަރުބައިޖާނުގެ ރައީސް އިލްހާމް ހެއިދަރު އޮގްލޫ އަލިޔެވް އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ އަކްތާއު ކައިރީގައި މިއަދު ހިނގި ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވެ، ޒަޚަމްވި ކަމުގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމަށެވެ.
ރައީސްގެ މެސެޖުގައި ވަނީ އަޒަރުބައިޖާނުގެ ސަރުކާރަށާއި ރައްޔިތުންނަށް، ވަކިން ޚާއްސަކޮށް މި ހާދިސާއަށްފަހު ސަލާމަތްވި މީހުންނަށް ހަމްދަރުދީ ފޮނުއްވައި، މި ހާދިސާގައި މަރުވި މީހުންނަށްޓަކައި ތައުޒިޔާ ވިދާޅުވެފަވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވަމުންނެވެ.
މިއަދު ހިނގި ހާދިސާގައި ވެއްޓުނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ފުރައިގެން ރަޝިޔާގެ ދެކުނުގެ ޗެޗްނިއާގެ ގްރޮޒްނީ ސިޓީއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މި ބޯޓު ވެއްޓުނީ އަކްތާއު ސިޓީ ކައިރިން ކަމަށް ކަޒަކިސްތާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.
އަޒަރުބައިޖާން އެއާލައިންސްއިން ބުނި ގޮތުގައި އެމްބްރެއާ 190 މަރުކާގެ ބޯޓުގައި 67 މީހުން ތިއްބެވެ. އޭގެތެރެއިން ބަޔަކު ސަލާމަތްވި ނަމަވެސް މި ހާދިސާގައި 35 މީހަކު މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
މި ލިޔުން ކިޔާލުމުން