ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒެއް ޤާއިމް ކުރުމުގެ މަސައްކަތް ހަޔަަރ އެޑިޔުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
"ސަބަބު" އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން މަތީ ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ މިހާރުވެސް އަތޮޅުތަކުގައި އަމިއްލަ ކޮލެޖް ޔުނިވަރސިޓީ ތަކުން މަތީ ތައުލީމްދޭ މަރުކަޒުތައް ހިންގާކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ހިންގާ މަރުކަޒެއް ކޮންމެ އަތޮޅެއްގައި ޤާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ޝަފީޢު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ޝަފީއު ވިދާޅުވީ މި 5 އަހަރު ނިމޭއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަތީ ތައުލީމްގެ މަރުކަޒުތައް ތަރައްޤީކުރުމަކީ ޤާއިމްކުރެވޭނެ ކަމަށެވެ. އެގޮތުން އިސްލާމިކް ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސީޓިން ބައެއް އަތޮޅުތަކުގައި ކެމްޕަސްތައް ހިންގާއިރު މިހާރުވެސް ގިނަ އަތޮޅުތަކެއްގައި ސަރުކާރުން ތަޢްލީމުދޭ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ޝަފީޢު ފާހަގަކުރެއްވި އެވެ.
އެގޮތުން މިހާރު މަސައްކަތް ކުރިއަށްދާ އަތޮޅުތަކުގެ ތެރެއިން ހއ. ދިއްދޫ ޖޫނިއަރ ކޮލެޖްއާއި އަލިފުށި ޓިވެޓް ސެންޓަރުގެ މަސައްކަތް މިހާރު ނިމެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިިހާރު ވަނީ ދަނޑުވެރިކަމާއި ބެހޭ ކޮލެޖެއް އއ. ތޮއްޑޫގައި ޤާއިމް ކުރުމަށާއި، ލ. އަތޮޅު ހުޅިމެންދޫގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަމްރީން ހިންގުމަށް ފަސް ތަރީގެ ހޮޓަލެއް ހިންގުމަށް ޤައުމީ ޔުނިވަރސިޓީ އާއި ޙަވާލުކޮށްފައެެވެ. މީގެ އިތުރުން މި ސަރުކާރުން ވަނީ މަސްވެރިކަމާއި ގުޅޭ ތަޢުލީމާއި ތަމްރީން ދޭ ކޮލެޖެއް މިހާރު ޤާއިމްކޮށް ޤައުމީ ޔުނިވަރސިޓީން ދަނީ ކޯސްތައް ހިންގަމުންނެވެ.
އަތޮޅުތަކުގެ ކެމްޕަސްތަކުގެ އިތުރުން 5 ރަށެއްގައި ދަނާލު ޤާއިމްކުރުމަށް ހަޔަރ އެޑިޔުކޭޝަނުން ނިންމާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެއީ ފުވައްމުލައް، ގއ.ވިލިނގިލި، ރ.ދުވާފަރު، ހުޅުދުއްފާރު އަދި އަލިފުށި އެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ މިހާރުވެސް ރާއްޖޭގައި އެކި ކޯސްތަކުގައި 14000 އަށް ވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމް ހާސިލްކުރަމުންދާ ކަމަށެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ އަދަދު 2000 އަށް ވުރެ މަތީގައި އުޅޭކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން