ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، މުޙައްމަދު ނިހާދު ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުން ސަސްޕެންޑްކޮށްފިއެވެ.
އޭނާ ސަސްޕެންޑްކޮށްފައިވަނީ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މިގޮތުން ނިހާދު ދެއްކެވި ވާހަކަތައް ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ގޮވާލައި އެމްޑީޕީން ވަނީ ބަޔާނެއްވެސް ނެރެފައެވެ.
އެމްޑީޕީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. އަދި ވެރިކަން ކުރާ ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް އެމްޑީޕީއިން ބުންޏެވެ.
އެގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތިލާން ޖެހުނުކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
''ކަން މިހެން އޮތްއިރު އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.''
ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި، ޓޫރިސްޓުންނަށް ޚިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
މި ލިޔުން ކިޔާލުމުން