ހިޔާ ފުލެޓަކުން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިޔާ ފުލެޓްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިގޮތުން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ) އާއި ގދ. ކޮލަމާފުށި/ އޯޝަންބްލޫ، ޢަބްދުﷲ ޙަސަން (41އ) އާއި ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ޙުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ/ ވަލުތެރޭގެ، ޢަބްދުﷲ ޖަމީލު (32އ) އެވެ.
ފުލުހުން ބުނީ މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފުލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކޮށް ކަމަށެވެ. އަދި އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން