މިދިޔަ ހޮނިހިރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު 30 ގެއެއްގެ ޑެމޭޖް އެސެސްމަންޓް ހަދާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން މިއަދު ހާމަކުރި ގޮތުގައި ޑިސެންބަރު 21 ވަނަ ދުވަހު މާލޭގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީއާއި ދިވެހި ސިފައިންނާއި ދިވެހި ފުލުހުން އަދި ދިވެހި ރެޑް ކްރެސެންޓްގެ ހޮޓްލައިންތަކަށް 98 ކޯލް ވަނީ ލިބިފައެވެ. އޭގެތެރޭގައި ވެލިބަސްތާ ޖައްސައިދިނުމަށް އެދި 70 ކޯލާއި، ގެއްލުންތައް ރިޕޯޓުކުރުމަށް 21 ކޯލް އަދި ސީދާ ޒަރޫރީ އެހީތެރިކަމަށް އެދި 07 ކޯލް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.
މީގެ އިތުރުން، ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލޭ ސިޓީ ކައުންސިލާއި ޕަބްލިކް ވޯކްސްގެ އެހީޓެރިކަމާއެކު 49 ތަނެއްގައި 304 ވެލިބަސްތާ ޖަހާފައިވާއިރު، މީގެ ތެރޭގައި ގޭގޭގެ އިތުރުން ގުދަން އަދި ފިހާރަފަދަ ތަންތަން ހިމެނޭ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
އެ އޮތޯރިޓީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ވަގުތުން އެހީތެރިކަން ބޭނުންވާ ކަމަށް ފާހަގަ ކުރެވުނު 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް ދިވެހި ރެޑް ކްރެސެންޓްގެ އެހީތެރިކަމާއެކު ހަދާފައިވާއިރު، އޭގެތެރެއިން 08 ގޭބިސީއެއްގެ 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފައިވެއެވެ. އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ކައްކައި ކައިބޮއި ހެދުމަށާއި، ނިދާ ފާޚާނާ ކުރެވޭނެ ގޮތެއް ނެތުމާއި، ވަގުތީ ގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުން ކަމަށާއި، މި ޢާއިލާތައް މިހާރު ވަނީ އާންމު ހާލަތަށް ރުޖޫޢަވެފައި ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.
އެންޑީއެމްއޭ އިން ބުނީ މި ހާދިސާއާ ގުޅިގެން އެސެސްމަންޓް ހަދަންޖެހޭކަމަށް ފާހަގަކުރެވުނު 30 ގެއެއްގެ ޑެމޭޖް އެސެސްމަންޓް އެ އޮތޯރިޓީ އާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން ހެދުމަށް ނިންމާފައިވާ ކަމަށާއި، އެ ގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ގިނަ ކަމަށް ފާހަގަކުރެވެނީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތައް ކަމަށެވެ. އަދި މަދުމަދުން އިމާރާތުގެ ސީލިން ފަދަ ތަންތަނަށް ލިބިފައިވާ ގެއްލުންވެސް ފާހަގަކުރެވޭ ކަމަށާއި، މިހާރު ކުރިއަށްދަނީ މި ފޯމުތައް ވެރިފައިކޮށް ޕްރޮސެސްކުރުމުގެ މަސައްކަތް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ލިޔުން ކިޔާލުމުން