އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރުގެ ސިޓީއެއް ލިބި، އެއަށް އަމަލުނުކޮށް އޮތް ކަމަށް ދެކެވޭ ވާހަކައަކީ ހަގީގީ ވާހަކައެއް ނޫން ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މެއި މަހު އެޗްޑީސީގެ ޗެއާމަންގެ މަގާމުން ވަކިކުރި ޒުހޫރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރޭ އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޮޑެތި މައްސަލަތަކަކާއި އެޗްޑީސީގެ އެތެރޭގައި މޫލާފައިވާ ކޮރަޕްޝަންގެ ވަރަށް ގިނަ ވާހަކަތަކެއް ހިމެނޭ ގޮތަށް ރައީސް މުއިއްޒަށް މިދިޔަ ޖުލައި މަހު ހަތް ސަފުހާގެ ދިގު ސިޓީއެއް ފޮނުވާފަ އެވެ.
ރައީސް އޮފީހުގެ ބޭރުގައި މިއަދު މީޑިއާތަކާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެފަދަ ސިޓީއެއް ލިބިފައި ނުވާ ކަމަށާއި އެފަދަ ސިޓީއެއް ލިބުނު ނަމަ ޔަގީނުން ވެސް ބައްލަވާނެ ކަމަށެވެ.
"މިއަދާ ހަމަޔަށްވެސް ހުންނާނީ އެކި ތަންތަނުގައި ނުވަތަ އެކި މީހުން އެގޮތަށް ކޮށްފައި ހުރި ކަންކަމުގައި މައުލޫމާތު ލިބުނީމަ ފިޔަވަޅު އަޅަން ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަނުގެ އަމަލެއް ނޫނީ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ސަރުކާރު ތެރެއިން ހިނގަން ބޭނުންފުޅު ނުވާ ކަމަށާއި ކުރީގެ ސަރުކާރުތަކުން އެގޮތަށް އަމަލު ނުކުރެއްވި ނަމަވެސް އެމަނިކުފާނު އެފަދަ ކަންކަމަށް ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އަދި އެފަދަ އަމަލުތަށް ހުއްޓުވުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި މިއަދާ ހަމައަށް ވެސް އެކި މީހުން އެގޮތަށް ކޮށްފައި ހުރި ކަންތައްތަކުގެ މައުލޫމާތު ލިބުމުން އެކަމަކަށް ފިޔަވަޅު އަޅަން ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ސަރުކާރަކީ ކޮރަޕްޝަނާއި ނުގަވާއިދުން ހިންގާ ކަންކަމާ ދުރުވެފައި އޮންނަ ސަރުކާރަކަށް ހަދަން. އެއީ އަޅުގަނޑުމެން ވަޢުދުވީ ގޮތަކީ ވެސް." ރައީސް ވިދާޅުވި އެވެ.
މިނިސްޓްރީއެއް ވިޔަސް ސަރުކާރުގެ އޮފީހެއް ވިޔަސް ކޮރަޕްޝަނުގެ އަމަލު ހިންގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން