ސަރުކާރުގެ މަޤާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ބޭރުގައި މިއަދު ބައެއް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ އެއްވެސް ތަނެއްގައި ޤާނޫނާ ގަވާއިދާ ޚިލާފަށް އެއްވެސް މީހަކު އެއްވެސް ކަމެއް ހިންގާކަށް ބޭނުންފުޅު ނުވާ ކަމަށެވެ.
"އަޅުގަނޑު މަޤާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން. ގަވާއިދާ ޚިލާފު ކަމެއް ކުރާކަށްވެސް ނޫން"، ރައީސް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި މަޤާމުތަކަށް މީހުން ލަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށާއި، އެކަމަށް ހުރަސްއެޅޭ ގޮތަކަށް ކަމެއް ކުރާކަމަށް ޤަބޫލުކުރެވޭނަމަ، އެމީހަކު އެތަނުން ދުރުކުރައްވާނެ ކަމަށާއި، އެކަމެއް ހުއްޓުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކަންތައް ކުރައްވާނީ އެގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު، ބިންވެރިޔާ ސްކީމުން ބޭރުން ގޯތި ދިން މައްސަލައެއް މިވަނީ ފެންމަތިވެފައެވެ. ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މައްސަލަ ހޫނުވެފައި މިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ގޯތި ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލައާ ގުޅިގެންނެވެ. މިގޮތުން ބިންވެރިޔާ ލިސްޓުގައި ނުހިމެނޭ ފަރާތެއް ކަމަށްވާ އެޗް.ޑީ.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ ކަމަށްވާ އެމް.ޑަބްލިއު.އެސް.ސީ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ފަޒީލް ރަޝީދަށް ގޯތި ދީފައިވާކަން ހާމަވާ ލިޔުންތަކެއް ވަނީ ލީކުކޮށްލައިފައެވެ. މި މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރަމުންދާއިރު، މި މައްސަލައިގައި ޝާމިލުވާ އިބްރާހީމް ފަޒުލް ރަޝީދު ވަނީ އިއްޔެ އެޗްޑީސީގެ އެމްޑީގެ މަޤާމުން އިސްތިއުފާދެއްވައިފައެވެ.
މި ލިޔުން ކިޔާލުމުން