ހދ.އަތޮޅު ކައުންސިލުގެ ރައީސާއި، ރ.ފައިނު ކައުންސިލުގެ ރައީސާއި އިތުރު 3 ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހދ.އަތޮޅު ކައުންސިލުގެ ރައީސާއި، ރ.ފައިނު ކައުންސިލުގެ ރައީސާއި އިތުރު 3 ކައުންސިލެއްގެ ބައި-އިލެކްޝަން، އަންނަ ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މެންބަރުން އިންތިޚާބުކުރަންޖެހޭ ކައުންސިލުތަކާއި، އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދު:
- ހދ. އަތޮޅު ކައުންސިލްގެ ރައީސް 1
- ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު 1
- ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރު 1
- ރ. ފައިނު ކައުންސިލްގެ ރައީސް 1
- ފ. ބިލެތްދޫ ކައުންސިލްގެ މެންބަރު 1
އީސީއިން ބުނީ މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މިއަދުން ފެށިގެން ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
- ދިވެހި ރައްޔިތަކަށްވުން.
- ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން.
- ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 އަހަރު ފާއިތުވެފައިވުން.
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކަށްވުން.
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން.
- އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
- ކުޑަކުއްޖަކާމެދު ބަދުއަޚުލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 7 އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކޮށްދެވުނުތާ 7 އަހަރު ފާއިތުވެފައިވުން.
- އިތުރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 3 އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކޮށްދެވުނުތާ 3 އަހަރު ފާއިތުވެފައިވުން.
އިންތިޚާބަަށް އަމިއްލަ ގޮތުން ކުރިމަތިލާނަމަ، ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން، އެމީހަކު ކުރިމަތިލާ އިންތިޚާބީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މަދުވެގެން 50 މީހުންގެ ސޮއި ހުށަހަޅަންޖެހޭނެއެވެ.
އީސީއިން ބުނީ މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލުކުރާނީ ކޮމިޝަނުގެ [email protected] މެއިލަށް ކަމަށެވެ.
މި ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.
ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާ ގޮތަށް ހަމަޖެހިފައިނުވެއެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 09 ވާ އާދީއްތަ ދުވަހުއެވެ.
އީސީއިން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، އިންތިޚާބުގެ މުހިންމު ތާރީޚު ހިމެނޭ ތާވަލު އެ ކޮމިޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން