ރޭ ވެހުނު ވާރޭގައި މުޅި މާލޭގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ، ޤައުމީ ދިފާޢީ ބާރު ގުޅިގެން މިހާރު ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ. އެމް.އެން.ޑީއެފް އިން ދަނީ ފަސް ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތްކުރަމުންނެވެ. އެ ސަރަހައްދުތަކުގެތެރޭގައި ވެސްޓްޕާކު ސަރަހައްދު، އައިޖީއެމްއެޗް ސަރަހައްދު، ވިލިނގިލީ ފެރީ ޓަރމިނަލް ސަރަހައްދު، ދިރާގު ސަރަހައްދު، އަދި ޖެލީ ޕިއްޒާ ސަރަހައްދު ހިމެނެއެވެ.
މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ހިނގާބިނގާ ވުމަށާއި ދަތުރުފަތުރަށް ވެސް ވަނީ ދަތިވެފައެވެ. ރޭ ވެހެން ފެށިވާރޭ ހުއްޓާލާފައިވަނީ މިއަދު ހެނދުނުއެވެ.
މި ހަފްތާ ބަންދުގައި މުޅި ރާއްޖެއަށްވެސް ވިއްސާރަވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވެ އެ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ބައެއް ސަރަޙައްދުތަކަށް ވައިގަދާނެ ކަމަށްވެސް ލާފާކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން