ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތިތަކެއް ދޫކުރި މައްސަލައާ ގުޅިގެން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދަށް މިހާތަނަށް އެއްވެސް ތުހުމަތެއް ކޮށްފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަނާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް، ޢަބްދުﷲ ޝަރީފް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހުޅުމާލޭގެ ތިން ބިމެއްގެ މައްސަލަ ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ސުވާލު އުފެދޭ ލިޔުންތަކާ ގުޅޭގޮތުން މިހާތަނަށް ހަ ފަރާތަކާ ސުވާލުކުރެވިފައިވާއިރު، ފަޒުލް އަށް އަދި މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާ ކަމަށާއި، ނަމަވެސް ތަޙުޤީޤު ދާ މިންވަރަކުން ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ވާނަމަ، އެ ފަރާތަކާ ސުވާލުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މައްސަލަ ހޫނުވެފައި މިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ގޯތި ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ފެންމަތިވި މައްސަލައާ ގުޅިގެންނެވެ. މިގޮތުން ބިންވެރިޔާ ލިސްޓުގައި ނުހިމެނޭ ފަރާތެއް ކަމަށްވާ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ ކަމަށް އެމް.ޑަބްލިއު.އެސް.ސީ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ފަޒީލް ރަޝީދަށް ގޯތި ދީފައިވާކަން ހާމަވާ ލިޔުންތަކެއް އިއްޔެ ވަނީ ލީކުކޮށްލައިފައެވެ.
މި ލިޔުން ކިޔާލުމުން