އިސްރާއީލުން ގަސްތުގައި ޣައްޒާގައި ފެނުގެ ޚިދުމަތް ކަނޑަމުންދާތީވެ, އެކަން ކުށްވެރިކޮށް އިންސާނީ ހައްޤުތަކާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ, ހިއުމަން ރައިޓްސް ވޮޗް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޖަމްއިއްޔާ އިން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި ތިބި ރައްޔިތުންނަށް ސާފު ފެން ނުލިބޭ ގޮތް ހަދަނީ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢު އިން މިފަދަ އަމަލުތަކާމެދު ކަނޑައަޅާފައިވާ ފިޔަވަޅުތައް އިސްރާއީލާ މެދު ތަންފީޒުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.
ބުރާސްފަތި ދުވަހު, އެ ޖަމިއްޔާއިން ދިރާސާކޮށް ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި އަސްކަރީ ހަމަލާތައް ފެށި ހިސާބުން މިއަދާ ހަމައަށް ވެސް އިސްރާއީލުން ދަނީ ގަސްތުގައި ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ފެން ލިބުން ދަތިކުރަމުން ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ޣައްޒާގައި މިހާރު ދިރިހުރުމަށް ބޭނުންވާ މިންވަރަށް ފެން ލިބުން ދަތިވެފައިވާ ކަމަށެވެ.
އިސްރާއީލުގެ ސަރުކާރުން ވަނީ ޣައްޒާއަށް ފޯރުކޮށްދޭ ފެނުގެ ސަޕްލައި ކަނޑާލުމުގެ އިތުރުން, ފެން ޕަންޕުތައް ހިންގުމަށް ބޭނުންވާ ކަރަންޓު ކަނޑާލައި، އަދި ކަރަންޓު ނެތް ހާލަތްތަކުގައި ބޭނުންކުރަން ހުރި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ ހުއްޓުވައި, ތެޔޮ ސަޕްލައި ކުރުން ވެސް މަދުކޮށްފައެވެ.
މީގެ އިތުރުން އދ. ގެ އެޖެންސީތަކާއި އިންސާނީ އެހީގެ ޖަމްޢިއްޔާތަކުން ފޯރުކޮށްދޭ ފެނާ ގުޅުންހުރި ތަކެއްޗާއި އެހެނިހެން އެހީތައް ވެސް ހުއްޓުވާފައެވެ.
މި ޖަމްޢިއްޔާއިން އިތުރަށް ދިރާސާކުރި ސެޓެލައިޓް މަންޒަރުތަކުން ފެނިފައިވާ ގޮތުގައި، ފެނާއި ނަރުދަމާގެ އިންފްރާސްޓްރަކްޗަރ އަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ދިނުމުގެ ސަބަބުން ވަނީ ހަލާކުވެފައެވެ.
މީގެތެރޭގައި ޣައްޒާގެ 6 ނަރުދަމާ ޕްލާންޓުގެ ތެރެއިން 4 ޕްލާންޓް ހިންގުމަށް ބޭނުންކުރާ ސޯލާ ޕެނަލްތައް ގަސްތުގައި ނައްތާލުމުގެ އިތުރުން އިސްރާއީލުގެ ސިފައިން ވެގެން މުހިންމު ފެން ރިޒަވޯއަރއެއް ތަޅާލާތަން މަންޒަރު ވެސް ފެނިފައި ވާކަމަށެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ޣައްޒާގައި ތިބި ފަލަސްތީނުގެ ގިނަ ރައްޔިތުންނަށް ދުވާލަކަށް ލިބެނީ އެންމެ ފެން ލީޓަރެއް ކަމަށްވެފައި، މިއީ ދިރިހުރުމަށްޓައި ބޭނުންވާ، އެންމެ މަދު މިންވަރު ކަމުގައިވާ 15 ލީޓަރަށްވުރެ މާ މަދު ދަށް މިންވަރެއް ކަމަށް ބުނެ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެއްވެސް ވަރަކަށް ފެންނުލިބުމުގެ ސަބަބުން ބަލިމަޑުކަން އިތުރުވެ, މިކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
މި ލިޔުން ކިޔާލުމުން