މާލެ ސިޓީ ކައުންސިލުގެ ބައިވެރިވުމާއެކު ހުޅުމާލޭގެ ބިންތަކުގެ ދެފުށް ފެންނަ، މިނިވަން އޮޑިޓެއް ކުރުމަށް ދަ ޑިމޮކްރެޓްސް (ޑެމްސް) އިން މިއަދު ގޮވާލައިފިއެވެ.
ޑިމޮކްރެޓްސްއިން މިފަދައިން ގޮވައިލީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް، މަކަރާއި ހީލަތުން ބިންތައް ދީފައިވާ މައްސަލާގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ހައުސިންގ ކޮމިޓީގެ މުގައްރިރު މުޙައްމަދު ސައިފް ފާޠިހު (އައިކޮ) ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ބޮޑު ބިމެއް ކަމަށާއި، އެތައް ބައިވަރު ބޭނުންތަކަކަށް ބިންތައް ބަހާ ހަދާފައި އޮތް ތަނެއް ކަމަށެވެ. އަދި އުސޫލުން ބޭރުން ބިންތައް ދޫކުރިކަން ފާހަގަވެފައިވާއިރު، ދެން ހުރި ބިންތަކަށް ހަދާފައި ހުރި ގޮތެއް ބަލަންޖެހޭ ކަމަށާއި، އެހެންކަމުން ބިމުގެ މިނިވަން އޮޑިޓެއް ހަދަންޖެހޭ ކަމަށް ޑިމޮކްރެޓްސްއިން ގަބޫލުކުރާ ކަމަށެވެ.
''ހުޅުމާލޭގެ ބިމުގެ މިނިވަން އޮޑިޓެއް އަޅުގަނޑުމެން ހިންގަން އެބަޖެހޭ އެކަން ކުރެވެން ވާނީ އަޅުގަނޑުމެންގެ ޕާޓީން ގަބޫލުކުރަނީ ސިޓީ ކައުންސިލުގެ ވެސް ބައިވެރިވުމާ އެއްކޮށް ދެފުށް ފެންނަ ގޮތަށް. ހުޅުމާލޭގެ ބިންތަކަށް ހަދާފަ ހުރި ގޮތް ސާފުވާނެވަރުގެ ބިމުގެ އޮޑިޓެއް ހިންގުމަށް ގޮވާލަން.'' މާލެ ސިޓީ ކައުންސިލުގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ސައިފް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލަ ފެންމަތިވުމުން ފުލުހުންގެ އިދާރާއިންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ސްކީމުގެ ބޭރުން އުސޫލާ ޚިލާފަށް ގޯތި ވިއްކިކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދުމުން، އެ މީހުންނަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން މިނިސްޓްރީން އެންގުމުންނެވެ.
ގޯތި ލިބުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެއެވެ. އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ ފަޒީލަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތެއް ނޫންކަން މިނިސްޓްރީން ވަނީ އެޗްޑީސީއަށް އަންގާފައެވެ.
މި މައްސަލާގައި ފުލުހުން ވަނީ ފަޒީލްގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށް ތަހުގީގު ވެސް ފަށާފައެވެ.
ބައްދަލުވުގައި ވާހަކަ ދައްކަވަމުން ސައިފް އިތުރަށް ވިދާޅުވީ ގޯތީގެ ވައްކަމަކީ ރޭވިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ޑިމޮކްރެޓުން ގަބޫލުކުރާ ކަމަށެވެ. އަދި މި ވައްކަމުގެ ތަހްގީގަކީ ގޯއްޗާއި، ފްލެޓް ހަވާލުކުރުން ލަސްކުރުމުގެ ހުއްޖަތަކަށް ނުހެދުމަށް ވެސް ވަނީ ގޮވާލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން