މި ހަފުތާގެ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު މޫސުމާބެހޭ ޚަބަރުގައި ބުނެފައިވަނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި، މޫސުން ބަދަލުވާ މި ދުވަސްވަރު މި ސަރަހައްދުގައި ކޮޅިގަނޑު އުފެދުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެގޮތުން ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރި ފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މި ހަފުތާތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ އިދާރާއިން ބުނީ މި ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދުގައި އާންމު ވައި ބާރުވާނެ ކަމަށް ބެލެވޭ އާންމު ގޮތެއްގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 - 27 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 - 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން މި ދުވަސްވަރު ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރުމާއެކު ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 - 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް އުދައިގެ އަަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުަދަތުރު ކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި އެ އިދާރާއިން ނެރެމުންދާ ސަމާލުތަކަށް އިސްކަންދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން