ޗައިނާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުއޮތް ރަޙުމަތްތެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
މިގޮތުން ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވެވި ގްރޫޕް ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އާއި ޔުނަން ޕްރޮވިންޝަލް ޕީޕަލްސް ގަވަރމަންޓުން ދެއްވި ހޫނު މެހެމާންދާރީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއިން "ވަން-ޗައިނާ" ޕްރިންސިޕަލާމެދު ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމުގެ މައިގަނޑު ތަނބުކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުމަކީ، ދެ ޤައުމުގެ މެދުގައި އެއްބާރުލުމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއި ބޭރުގެ މުހިންމު މެހެމާނުންނާއެކު ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވޯންގް ޔޮންގްއެވެ.
މި ލިޔުން ކިޔާލުމުން