އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ވަނީ ދަނގެއްޗާއި، މަހިބަދޫއާއި، އޮމަދުއަށް ވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ އެ ތިން ރަށާއި، އެ އަތޮޅުގެ އިތުރު ބައެއް ރަށްރަށުގެ ކައުންސިލްތަކާއި، އެ އަތޮޅުގެ އަތޮޅު ކައުންސިލާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުންތަކުގައި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. ކައުންސިލުތަކުގެ ކަންބޮޑުވުންތަކުގެ އަޑު އައްސަވައި ރައީސް ވަނީ ވައުދުވެވަޑައިގެން ފަދައިން ކަންކަން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މި އަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ފަހު ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ގަސްދުކުރައްވާކަން އިއުލާނު ކުރައްވާފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން